ށ. ފީވަކުގައި މިހާރު އޮޕަރޭޓްކުރަމުންދާ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަޝްރޫޢު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޢަލީ ފާރިސް ޔޫސުފެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.
މި މަޝްރޫޢުގެ ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 3,822,120 ރުފިޔާއެވެ.
މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އެއްބަސްވުމުގައި ސޮއިކުރި ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައެވެ.
މީގެ އިތުރުން، ފ. އަތޮޅު، ދ. އަތޮޅު އަދި ތ. އަތޮޅުގެ ރަށްތަކުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ޚިދުމަތް ދޭން ފަށައިފިކަމަށް އެ ކުންފުނިން ބުނެފިއެވެ.
މީގެ ކުރިން، އދ. މަހިބަދޫގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަޝްރޫޢުވެސް ސްޓެލްކޯއާ ހަވާލުކޮށްފައިވެއެވެ.






