ސަފާރީ ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ މައްސަލަ ވަކި ފަރާތަކަށް ނުޖެހި، ފުރިހަމައަށް ތަހުގީގުކުރުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ގޮވާލައިފިއެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ "މޯލްޑިވްސް ލެޖެންޑް" ލައިވްއަބޯޑާއި "އިންފިނިޓީ އެކްސް" ގެ ޑައިވިން ޓީމުތަކާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި ހިނގި ހާދިސާއަކީ ވަރަށް ނާޒުކު އަދި ސީރިއަސް މައްސަލައެއް ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ މަޝްހޫރު ޑައިވިން ސްޕޮޓެއް ކަމަށްވާ އދ. އަތޮޅު "ކުޑަރަހަ ތިލަ" ކައިރީގައެވެ. ކަނޑުގެ 18 މީޓަރު އަޑީގައި ބޭރުގެ ޑައިވަރަކު ޗައިނާގެ އިންސްޓްރަކްޓަރެއްގެ ގައިގައި ޖަހައި ކޮއްޕައި، އޭނާގެ އޮކްސިޖަން މާސްކު ދަމައިގަންނަން މަސައްކަތްކުރި މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ ހަފުތާގައި ވަނީ އާންމުވެފައެވެ.
މި ހާދިސާ ހިނގި ގޮތުގެ ފުރިހަމަ، އިންސާފުވެރި އަދި ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށް ފުލުހުންނަށާއި، ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ކަމާ ގުޅުންހުރި މުއައްސަސާތަކަށް އެންބީއޭއެމްއިން ވަނީ ގޮވާލާފައެވެ. އަދި އެއްވެސް ފަރާތަކުން ގާނޫނާ ހިލާފުވެފައިވާނަމަ ނުވަތަ އިހުމާލުވެފައިވާނަމަ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ މަތިން އެކަމަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރިއެވެ.
ކަންހިނގި ގޮތް ސާފުނުވަނީސް އަވަސް އަރުވާލައިގެން ނިންމުންތައް ނުނިންމުމަށާއި، ވަކިވަކި ފަރުދުންގެ އަމަލުތަކުގެ ސަބަބުން މުޅި ރާއްޖޭގެ ޑައިވިން އަދި ބޯޓިން ދާއިރާގެ އަބުރަށް އުނިކަން އަންނަ ގޮތަށް ވާހަކަ ނުދެއްކުމަށް ވެސް އެންބީއޭއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، ދިވެހިންގެ ހަގީގީ ބައިވެރިވުމެއް ނެތި، ހަމައެކަނި ރާއްޖޭގައި ކުންފުނި ރަޖިސްޓްރީކޮށްގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޓޫރިޒަމް ހަރަކާތްތައް ހިންގާ ބޭރުގެ އުޅަނދުފަހަރާ މެދު ކަންބޮޑުވުން ވެސް އެސޯސިއޭޝަނުން ހާމަކޮށްފިއެވެ. އެގޮތުން "އިންފިނިޓީ އެކްސް" އަކީ ކުރިން ބޭރުގެ އުޅަނދެއްގެ ގޮތުގައި ހިންގުމަށްފަހު، ގަވާއިދަށް އައި ބަދަލުތަކާއެކު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކަށް ބަދަލުކޮށްފައިވާ އުޅަނދެއް ކަމަށް އެންބީއޭއެމްއިން ފާހަގަކުރިއެވެ.
އަދި ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ދަފްތަރުގައިވާ މައުލޫމާތާއި ބުކިން ވެބްސައިޓްތަކުގައި އެ އުޅަނދުގެ ޖާގައާ މެދު ހާމަކޮށްފައިވާ މައުލޫމާތުގައި ފުށުއެރުންތަކެއް ހުރިކަން ވެސް އެ އެސޯސިއޭޝަނުން ފާހަގަކޮށްފައިވެއެވެ.






