ކ. ފުށިދިއްގަރުފަޅުގައި ހިއްކާފައިވާ ރަސްމާލޭގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް (ރިފަރެންޑަމްއެއް) ނެގުމަށް ގޮވާލައި، އިދިކޮޅު އެމްޑީޕީގެ ޤައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މި ގަރާރު ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު، ކޮލަމާފުށި ދާއިރާގެ ރައީސް އަދި ގާނޫނީ ވަކީލު މަހްފޫޒު ސައީދެވެ. ގަރާރަށް ތާއީދުކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރެވެ. މި ގަރާރު ހުށަހަޅާފައިވަނީ މިރޭ 9:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއަށެވެ.
ގަރާރުގައި ބަޔާންކޮށްފައިވަނީ، "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި ހިންގާ ރަސްމާލެ މަޝްރޫއަކީ ދިވެހި ރައްޔިތުންގެ މުއްސަނދިކަމަށް އުނިކަން ލިބޭ ގޮތަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. 500 ހެކްޓަރުގެ ބިން އެއްވެސް އެކުއިސިޝަން ކޮސްޓަކާ ނުލައި އަދި އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް 99 އަހަރަށް ބޭރުގެ ކުންފުންޏަކަށް ދޫކުރުމަކީ ރައްޔިތުންގެ ފައިސާއަށް ވާ ބޮޑު ހިޔާނާތެއް ކަމަށްވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
އަދި އެއްވެސް ބިޑުކުރުމުގެ ދައުވަތަކާ ނުލައި، ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް މި މަޝްރޫއު ހަވާލުކޮށް ގާނޫނީ ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށާއި، ބިންތައް ތިންވަނަ ފަރާތްތަކަށް ކުއްޔަށް ދޫކުރާ ކޮންމެ ފަހަރަކު ކުލީގެ މުއްދަތު 99 އަހަރަށް އާވާ ގޮތަށް އޮތުމަކީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން ދާއިމީކޮށް މިލްކުކޮށްދިނުން ފަދަ ނުރައްކާތެރި ކަމެއް ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.
ގަރާރުގައި ސަރުކާރަށް ގޮވާލާފައިވާ ކަންކަމުގެ ތެރޭގައި، މި މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެއްބަސްވުމާއި ވިޔަފާރީގެ އެއްބަސްވުންތަކުގެ ތަފްސީލުތައް އާންމުކުރުމާއި، މަޝްރޫއާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުން ހިމެނެއެވެ. އަދި އެ ވޯޓުގެ ނަތީޖާ ލިބުމުގެ ކުރިން، އީގަލް ހިލްސް ނުވަތަ ތިންވަނަ ފަރާތެއްގެ ހައްގެއް އެ ބިމުގެ މައްޗަށް އުފަންވާ ފަދަ އެއްވެސް މުއާމަލާތެއް ނުހިންގުމަށްވެސް ގަރާރުގައި ގޮވާލާފައިވެއެވެ.
މީގެ އިތުރުން، މި މުއާމަލާތުގެ ނުރައްކާތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް އެމްޑީޕީ އިސްވެ ހިންގުމާއި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރުވުން ވެސް ގަރާރުގައި ހިމަނާފައިވެއެވެ. ސަރުކާރުން އެކަންކަމަށް އިޖާބަ ނުދީފިނަމަ، އެހެން ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާ ގުޅިގެން ސީދާ ހަރަކާތަށް ނުކުތުމަށްވެސް ގަރާރުގައި ވަނީ ބާރުއަޅާފައެވެ.
ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ ކޮމާޝަލް ޓާމްސް އެއްބަސްވުމުގައި ސަރުކާރާއި އެ ކުންފުނިން ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި މަޝްރޫއުގެ ދާއިމީ އެއްބަސްވުމުގައި ސޮއިކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން ދަނީ މި މަހުގެ 11 ވާ ޖުމްހޫރީ ދުވަހުގައެވެ.
މި ގަރާރާ މެދު އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ބަހުސްކުރަން ތައްޔާރުވަމުންދާއިރު، މި މައްސަލައިގައި ޕާޓީގެ އިސް ފަރާތްތަކުގެ މެދުގައި ޚިޔާލު ތަފާތުވުން ބޮޑުވެފައިވެއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އީގަލް ހިލްސްގެ މަޝްރޫއާ އިދިކޮޅުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޤައުމީ މަޖިލީހުގެ ބައެއް މެންބަރުން ވަނީ މި މަޝްރޫއަށް އެމްޑީޕީން ދީލާލައިގެން ނުވާނެ ކަމަށާއި، އެކަމާ ދެކޮޅަށް ޕާޓީން ނުކުންނަން ޖެހޭނެ ކަމަށް ބުނެފައެވެ.






