ގދ. ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަށް އެ ރަށުގެ އާބާދީ އޮޅުވާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެ ސިޓީގެ މޭޔަރު ސައުދު އަލީއަށް ވަކީލަކު ހަމަޖައްސަން ކްރިމިނަލް ކޯޓުން އެންމެ ފަހު ފުރުސަތު ދީފިއެވެ.
އެކަން ސައުދަށް އެންގީ، ސައުދުގެ މައްޗަށް ދައުލަތުން ކުރި ދެ ދައުވާގެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.
މި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝާފިއު ވިދާޅުވީ، ވަކީލަކު ހަމަޖެއްސުމަށް ސައުދަށް މިހާތަނަށް ޖުމުލަ 25 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ. އެގޮތުން، މިދިޔަ މަހުގެ 5 ވަނަ ދުވަހު 10 ދުވަހުގެ މުއްދަތެއް ދިން ކަމަށާއި، މިދިޔަ މަހުގެ 19 ވަނަ ދުވަހަށް ތާވަލުކުރި އަޑުއެހުން، ވަކީލަކު އައްޔަންކުރަން ފުރުސަތަކަށް އެދުމުން ކެންސަލްކުރި ކަމަށް ގާޒީ ވިދާޅުވިއެވެ.
އަދި މިދިޔަ ބުރާސްފަތި ދުވަހަށް ތާވަލުކުރި އަޑުއެހުމަށް މަދު ގަޑިއިރުތަކަކަށް ވެފައިވަނިކޮށް، މޭޔަރުގެ ޒިންމާގެ ތެރެއިން ކުރަން ޖެހޭ ކަންކަން ހުރުމުން ހާޒިރު ނުވެވޭނެ ކަމަށް ސައުދު އެންގެވި ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ، މި މަހުގެ 10 ވަނަ ދުވަހު މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެ ދުވަހަށް ވަކީލަކާއެކު އައިސް، ދައުވާގެ ދިފާއުގައި ހާމަކުރަން ބޭނުންވާ ހެކިންނާއި ދައުވާއަށް ޖަވާބުދާރީވާނެ ގޮތް ހުށަހަޅަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
ވަކީލަކު ހަމަނުޖެހުނު ނަމަވެސް އެ ދުވަހުގެ އަޑުއެހުން ކުރިއަށްދާނެ ކަމަށާއި، އޭރުން އަމިއްލައަށް އެކަންތައްތައް ޝަރީއަތަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ގާޒީ ސައުދަށް އެންގެވިއެވެ.
ދައުލަތުން ދައުވާ ހުށަހެޅުމުން ސައުދު ވިދާޅުވީ، ލިޔެކިޔުންތައް ދިރާސާކުރުމަށާއި ވަކީލަކު އައްޔަންކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ. މޭޔަރުގެ ހައިސިއްޔަތުން މަސައްކަތްތައް ކުރަންޖެހެނީ ތިނަދޫގައި ހުރެގެން ކަމަށްވެސް ސައުދު ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލަތަކުގައި އިއުތިރާފުގެ އެއްބަސްވުމަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އިބްތިދާއީ އަޑުއެހުމުގައި އިއުތިރާފު އެއްބަސްވުމުގެ ދަށުން އަދަބު ކަނޑައަޅާނަމަ، އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ އަދަބު އެއް އަހަރާއި 12 ދުވަހަށް ކުޑަވާނެ ކަމަށާއި، ރަސްމީ އިދާރާއަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ އަދަބު ތިން މަހަށް ކުޑަވާނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ސައުދުގެ މައްޗަށް ކުރާ ދެ ދައުވާއަކީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ. އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.
މި ދައުވާތައް ސާބިތުވެއްޖެނަމަ، ސައުދަށް ތިނަދޫ މޭޔަރުކަމުގެ ގޮނޑި ގެއްލޭނެއެވެ.
ސައުދުގެ މައްޗަށް ދައުވާކުރަނީ، އެހެން ރަށްރަށުގެ މީހުންނާއި މަރުވެފައި ތިބި މީހުންގެ ނަން ހިމަނައިގެން ތިނަދޫގެ އާބާދީއަކީ 10,000 މީހުން ކަމަށް ބުނެ ކަމާބެހޭ އިދާރާތަކަށް މައުލޫމާތު ދިން ކަމަށް ބުނެއެވެ.
ތިނަދޫ ސިޓީއަކަށް ހަދާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، 2023 ވަނަ އަހަރުގެ އޮގަސްޓް 30 ގައެވެ. އޭގެ ފަހުން މިހާރުގެ ސަރުކާރުން ވެސް ވަނީ އެކަން އެގޮތަށް ބާއްވަން ނިންމާފައެވެ.
ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ 2024 ވަނަ އަހަރު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށާއި އެލްޖީއޭއަށް ހުށަހަޅުއްވާފައެވެ.






