އާދިއްތަ, November 1
އަސާސެއް ނެތް ވާހަކަތަކުން އެމްޑީޕީގެ އިތުބާރު ގެއްލޭނެ: ރައީސް ނަޝީދު

އެމްޑީޕީގެ މިހާރުގެ މިސްރާބާމެދު ކަންބޮޑުވުން ފާޅުކުރައްވައި، "ޒަޔަނިސްޓުން ގައުމު ހިފަނީ" ފަދަ އަސާސެއް ނެތް ވާހަކަތައް ދެއްކުމަކީ ޕާޓީގެ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ ކުރިން ހުޅުވާލެވިފައިވާ، ތަފާތު ޚިޔާލުތަކަށް ފުރުޞަތު ދޭ އަދި ޑިމޮކްރެޓިކް އިޞްލާޙީ ބަދަލުތަކަށް މަސައްކަތްކުރި ޕާޓީއެއް ކަމަށެވެ.

ނަމަވެސް މިހާރު އެ ޕާޓީން ބޭރު މީހުންނާމެދު ނަފްރަތު އުފައްދައި، ހައްދުފަހަނައެޅި ޤައުމިއްޔަތު ފަތުރަމުންދާ ކަމަށާއި، މިއީ އެމްޑީޕީ އުފެދިގެން އައި އަސާސްތަކާ މުޅިން ޚިލާފު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، އިންތިޚާބީ ކާމިޔާބީ ލިބޭނީ ބިރުވެރިކަމާއި ބައިބައިވުން އުފައްދައިގެން ކަމަށް ޕާޓީގެ ތެރޭގައި ތިބި ބައެއް ފަރާތްތަކަށް ގަބޫލުކުރެވުނު ނަމަވެސް، މިފަދަ ޕޮޕިއުލިސްޓް އުކުޅުތަކުގެ ސަބަބުން އެމްޑީޕީގެ އަސްލު ތާއީދުވެރިން ކަމަށްވާ މެދުމިނުގެ އަދި ލިބަރަލް ވިސްނުމުގެ ވޯޓަރުން ޕާޓީއާ ދުރުވާނެއެވެ. ކުރު މުއްދަތުގެ ސިޔާސީ މަންފާއަކަށްޓަކައި އެ ތާއީދު ގެއްލުވާލުމަކީ ސިޔާސީ ގޮތުން ޕާޓީއަށް ލިބޭ ބޮޑު ނާކާމިޔާބީއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މާޒީގައި "ބިރަކާ ނުލައި މަޖާކުރުން" ޝިއާރުގެ ދަށުން ހިންގި ކެމްޕޭނުގެ ހަނދާން އާކޮށްދެއްވާފައެވެ. އެ ކެމްޕޭނުގެ ސަބަބުން އެހެން މީހުންގެ ތާއީދު ނުގެއްލި، ގާތްގަނޑަކަށް ވިހި ހާހެއްހާ އިތުރު ވޯޓު ޕާޓީއަށް ލިބުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އޭގެ ބަދަލުގައި ދީން ސިޔާސީ ހަތިޔާރަކަށް ހަދައި، "ޒަޔަނިސްޓުން ގައުމު ހިފަނީ" ފަދަ އަސާސެއް ނެތް ވާހަކަތައް ދެއްކުމުން ޕާޓީގެ އިތުބާރު ގެއްލި، ގައުމީ ސިޔާސީ މަޝްވަރާތަކުގެ ފެންވަރު ދަށަށް ދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ މިހާރު އޮތީ ވަރަށް ނާޒުކު ހިސާބެއްގައި ކަމަށް ވިދާޅުވެ، ޕާޓީ އަމިއްލައަށް ހަލާކުގެ ތެރެއަށް ވެއްޓުނަނުދީ ސަލާމަތްކުރުމަށް ޕާޓީގެ އުސޫލުތައް ގަބޫލުކުރާ މެންބަރުން ކުރިއަށް ނުކުތުމަށް ރައީސް ނަޝީދު ގޮވާލައްވާފައިވެއެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރަސްމާލެ ތަރައްޤީކުރުމަށް ސަރުކާރުން އީގަލް ހިލްސްއާ ހަވާލުކުރުމާ ގުޅިގެން، އެމްޑީޕީގެ ބައެއް ފަރާތްތަކުން އެ މަޝްރޫޢަށް ބޮޑަށް ފާޑުކިޔައި، މަޝްރޫޢު ހުއްޓާލުމަށް ގޮވާލަމުން އަންނަ ދަނޑިވަޅެއްގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު