އާދިއްތަ, November 1
އެލްޖީއޭގެ ނަތީޖާއިން ފެންނަނީ ސަރުކާރުގެ މަސައްކަތް ރައްޔިތުން އަގުވަޒަން ކުރާކަން: ރައީސް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުމަށް މިއަދު ބޭއްވި އިންތިޚާބުގެ ނަތީޖާއިން ފެންނަނީ، ސަރުކާރުން ރައްޔިތުންނާ ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަގު ރައްޔިތުން ވަޒަންކުރަމުންދާކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އެލްޖީއޭގެ ބޯޑުގެ އިންތިޚާބު ކާމިޔާބުކުރެއްވި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދެ ކެންޑިޑޭޓުންނަށް މަރުޙަބާ ދަންނަވައި، ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެލްޖީއޭގެ ބޯޑަށް އިންތިޚާބުވީ، ފ. ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދާއި، ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ގެ ރައީސް މަރްޔަމް ޒީނާއެވެ. ޕީއެންސީގެ ކެންޑިޑޭޓުން މި އިންތިޚާބު ކާމިޔާބުކުރެއްވީ، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނާ ވާދަކުރައްވައިގެންނެވެ.

އެ ޕޯސްޓުގައި ރައީސް ވަނީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ޚިދުމަތްތަކާއި ފުރުޞަތުތައް ލާމަރުކަޒުކޮށް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެކަމަށް ބާރުދެއްވައި ޕީއެންސީގެ ދެ ކެންޑިޑޭޓުންނަށް ވޯޓުދެއްވި ހުރިހާ ރަށު ކައުންސިލަރުންނާއި އ.ތ.މ. ކޮމިޓީތަކުގެ ރައީސުންނަށް ޝުކުރު ދަންނަވާފައެވެ.

"މި އިންތިޚާބު ކާމިޔާބު ކުރުމުގައި ޕާޓީގެ ލީޑަރޝިޕާއި، އިއްޒަތްތެރި މަޖިލިސް މެންބަރުންނާއި، ހުރިހާ ދާއިރާތަކުގެ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީތަކުގެ ރައީސުންނާއި އެންމެހާ ފަރާތްތަކުން ކޮށްދެއްވި މަސައްކަތްޕުޅަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، އެލްޖީއޭގެ ބޯޑަށް ތިން މެންބަރުން އިންތިޚާބުކުރަން ޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރަކާއި، އ.ތ.މ. ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު