ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިޚާބުގައި ވާދަކުރި ދެ ގޮނޑިވެސް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފިއެވެ.
ރަށު ކައުންސިލަރުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް މެންބަރަކު ހޮވުމަށް ނެގި ވޯޓުގައި ޕީއެންސީގެ ކެންޑިޑޭޓް، ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަޙްމަދަށް 314 ވޯޓު ލިބިވަޑައިގެންނެވިއެވެ. މި މަޤާމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރެއްވި ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރަށް ލިބިވަޑައިގަތީ 227 ވޯޓެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ތަކުގެ ރައީސުންގެ ތެރެއިން ހޮވާ މެންބަރުގެ މަޤާމު ޕީއެންސީން ކާމިޔާބުކުރީ 26 ވޯޓުގެ ތަފާތުންނެވެ. އެ މަޤާމަށް ހޮވިވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓް، ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް، ލ. ގަމު ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ނީނާއެވެ.
ލާމަރުކަޒީ ޤާނޫނުގައި ބަޔާންކުރާ ގޮތުން އެލްޖީއޭގެ ބޯޑަށް ތިން މެންބަރުން އިންތިޚާބުކުރަން ޖެހެއެވެ. ސިޓީ ކައުންސިލްތައް ތަމްސީލުކުރާ މަޤާމަށް ކުރިމަތިލެއްވީ ހަމައެކަނި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ކަމަށްވާތީ، އޭނާ ވަނީ ވޯޓުލުމަކާ ނުލައި އެ މަޤާމަށް ހޮވިވަޑައިގެންފައެވެ. އެހެންކަމުން މިއަދު ބާއްވާފައިވަނީ ބާކީ އޮތް ދެ މަޤާމުގެ އިންތިޚާބެވެ.
ހެނދުނު 10:00 އިން ހަވީރު 4:00 އަށް ކުރިއަށްދިޔަ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 807 ފަރާތަކަށް ލިބިފައިވެއެވެ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާންކުރާނީ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ.






