Thursday, October 29
ޓްރެފިކް އޮޕަރޭޝަނާއެކު އެކްސިޑެންޓްތައް 36 އިންސައްތަ މަދުވެއްޖެ: ފުލުހުން

ހުޅުމާލެ އަދި މާލޭގައި ފުލުހުން ފަށާފައިވާ ޚާއްސަ ޓްރެފިކް އޮޕަރޭޝަންތަކާއެކު، މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު ފާހަގަކޮށްލެވޭ މިންވަރަކަށް ދަށަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ކޮމިޝަނަރ އޮފް ޕޮލިސްގެ އިރުޝާދުގެ ދަށުން މި މަހުގެ 8 ވަނަ ދުވަހު ފެށި "އޮޕަރޭޝަން ރެކްލެސް ޑްރައިވިންގ" ގެ ނަތީޖާއަށް ބަލާއިރު، އޮޕަރޭޝަން ފެށުމުގެ ކުރީގެ 20 ދުވަހާ އަޅާބަލާއިރު އޮޕަރޭޝަން ފެށިފަހުން ވޭތުވެދިޔަ 20 ދުވަހުގެ ތެރޭގައި އެކްސިޑެންޓްތައް 36 އިންސައްތަ މަދުކުރެވިފައިވާ ކަމަށެވެ.

އޮޕަރޭޝަންގެ ކުރިން 117 އެކްސިޑެންޓް ހިނގާފައިވާއިރު، އޮޕަރޭޝަން ފެށިފަހުން ހިނގާފައިވަނީ ޖުމްލަ 74 އެކްސިޑެންޓެވެ. އެއީ 43 އެކްސިޑެންޓްގެ މަދުވުމެކެވެ.

ހުޅުމާލެ ފަދަ ދިގު އަދި ފުޅާ މަގުތަކެއް އޮންނަ ތަނެއްގައި ހިނގާ އެކްސިޑެންޓްތަކުން މިފަދަ ބޮޑު ދަށްވުމެއް ފެނުމަކީ، ރައްޔިތުން މަގުމައްޗަށް ދޭ ސަމާލުކަން އިތުރުވަމުން އަންނަކަމުގެ ހެއްކެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ހަމައެއާއެކު، ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުން މާލޭގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުން ވެސް ހެޔޮ ނަތީޖާތަކެއް ފާހަގަކުރެވިފައިވެއެވެ. އެގޮތުން، ސެޕްޓެމްބަރު 21 އިން އޮކްޓޫބަރު 7 ގެ ނިޔަލަށް މާލޭގެ މަގުތަކުގައި 128 އެކްސިޑެންޓް ހިނގާފައިވާއިރު، ޚާއްސަ ފިޔަވަޅުތަކާއެކު އޮކްޓޫބަރު 8 އިން 24 ގެ ނިޔަލަށް އެ އަދަދު ވަނީ 106 އަށް ދަށްކުރެވިފައެވެ. މިއީ 22 އެކްސިޑެންޓްގެ ނުވަތަ ގާތްގަނޑަކަށް 17.2 އިންސައްތައިގެ ދަށްވުމެކެވެ.

މާލޭގެ މަގުތަކުގައި ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވި 600 މައްސަލައަކާއި، ނުރައްކާތެރިކޮށް ދުއްވި 19 މައްސަލައެއް ފާހަގަކުރެވިފައިވާއިރު، ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވާ 13 ފަރާތަކަށް ވަނީ ނަސޭހަތްދީ ވިސްނައިދީފައެވެ.

ހުޅުމާލޭގެ އޮޕަރޭޝަނަށް ބަލާއިރު، މި މަހުގެ 8 ވަނަ ދުވަހުން 27 ވަނަ ދުވަހަށް ޖުމްލަ 3,151 އުޅަނދު (2,800 ސައިކަލާއި 351 ހަތަރުފުރޮޅުލީ އުޅަނދު) ޗެކްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރެއިން 808 ފަރާތަކަށް (735 ސައިކަލާއި 73 ހަތަރުފުރޮޅުލީ އުޅަނދު ދުއްވި ފަރާތް) ފިޔަވަޅު އެޅުމުގެ ބަދަލުގައި ނަސޭހަތްދީ ވިސްނައިދީފައިވެއެވެ.

އެހެންނަމަވެސް، އެހެން މީހުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ދުއްވި 23 އުޅަނދަކާއި (20 ސައިކަލާއި 3 ހަތަރުފުރޮޅުލީ އުޅަނދު)، އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް 85 ފަރާތެއް ޖޫރިމަނާކޮށް، 145 އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ މަގުމަތީގެ އަމާންކަމަކީ ވަކި ވަގުތަކު ނުވަތަ ވަކި އޮޕަރޭޝަނަކުން ނިންމައިލެވޭނެ ކަމެއް ނޫން ކަމަށާއި، މަގުމަތީގެ ސަލާމަތަކީ އެންމެން ގުޅިގެން އަދާކުރަންޖެހޭ ޤައުމީ ޒިންމާއެއް ކަމަށް ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު