މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ގަތުމުގެ މުޢާމަލާތްތަކުގައި 6.7 މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވި މައްސަލައިގައި، އެމްޕީއެލްގެ ކުރީގެ ޗީފް މެނޭޖަރަކާއި ބަންގްލަދޭޝްގެ ރައްޔިތަކު 8 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ޙުކުމްކޮށްފައިވަނީ އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ކުރީގެ ޗީފް މެނޭޖަރު، ސ. ފޭދޫ، ވާރުގެ، މުޙައްމަދު އައިމަނާއި، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮޖިބްގެ މައްޗަށް ކަމަށެވެ. މި މައްސަލަ ޝަރީޢަތަށް ހުށަހަޅާފައިވަނީ 25 ފެބުރުއަރީ 2024 ގައެވެ.
ޕީޖީން ބުނީ، 2019 ވަނަ އަހަރު އެމްޕީއެލްގެ ޗީފް މެނޭޖަރުގެ މަޤާމުގައި ހުރި އައިމަން، 13 ޖަނަވަރީ 2020 އިން ފެށިގެން 10 އޮކްޓޫބަރު 2020 ގެ ނިޔަލަށް އެމްޕީއެލްއަށް ނުލިބޭ ތެޔޮ ލިބުނު ކަމަށް ދައްކާ 119 ޑެލިވަރީ ނޯޓެއް ބަލައިގަނެ ސޮއިކުރުމަށް ސ. މަރަދޫ، އާޒާދުގެ، ޙަސަން ދީދީއަށް އިރުޝާދު ދީފައިވާ ކަމަށެވެ.
އެ ޑެލިވަރީ ނޯޓުތައް ސިސްޓަމަށް އަޅައި ޕްރޮސެސްކޮށް، އެމްޕީއެލްއަށް ލިބިފައިނުވާ 783،100 ލީޓަރުގެ ޑީސަލް ލިބުނު ކަމަށް ދައްކައި، އެ ތެލުގެ އަގަށްވާ 6،799،800 ރުފިޔާ އެފްއެސްއެމްއަށް ދައްކައިގެން ޚިޔާނާތްތެރިވެފައިވާ ކަމަށް ޕީޖީން ބުނެއެވެ.
ޤާނޫނުލް ޢުޤޫބާތުގެ 310 ވަނަ މާއްދާގެ ދަށުން ކުރި ޚިޔާނާތްތެރިވުމުގެ ދަޢުވާ ސާބިތުވެ، އައިމަން 8 އަހަރަށް ޖަލަށް ލުމަށާއި، ޚިޔާނާތްތެރިވި 6،799،800 ރުފިޔާ ބަދަލުގެ ގޮތުގައި ދައުލަތަށް ދެއްކުމަށް ކޯޓުން ޙުކުމްކޮށްފިއެވެ. މީގެ އިތުރުން، ސައްޙަނޫން ލިޔުމެއްގެ ކުށުގައި އޭނާ 9 މަހާއި 18 ދުވަހަށް ޖަލަށް ލުމަށްވެސް ޙުކުމްކޮށްފިއެވެ.
ޕީޖީން ބުނީ، އެފްއެސްއެމްގެ ތެޔޮ ބައުޒަރު ޑްރައިވަރެއްގެ މަޤާމުގައި ހުރި ސޮޖިބް، އެމްޕީއެލްއަށް ތެޔޮ ޑެލިވަރކުރި ކަމަށް ދެއްކުމަށް ސައްޙަނޫން 119 ޑެލިވަރީ ނޯޓު ތައްޔާރުކޮށް ސޮއިކޮށް، 783،100 ލީޓަރުގެ ޑީސަލަށް ޚިޔާނާތްތެރިވެފައިވާ ކަމަށެވެ. ސޮޖިބްގެ މައްޗަށްވެސް ޚިޔާނާތުގެ ކުށަށް 8 އަހަރުގެ ޖަލު ޙުކުމެއް އިއްވައި، 6،799،800 ރުފިޔާ ދައުލަތަށް ދެއްކުމަށް އަމުރުކޮށްފައިވާއިރު، ސައްޙަނޫން ލިޔުން އުފެއްދި ކުށުގައި 9 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެއްވެސް އިއްވާފައިވެއެވެ.
މި މައްސަލާގައި 23 މާޗް 2021 ގައި އައިމަން އެމްޕީއެލްގެ ވަޒީފާއިން ވަކިކުރުމުން، އެ މައްސަލަ އެމްޕްލޯއިމަންޓް ޓްރައިބިއުނަލަށް ހުށަހެޅުމުން، އޭނާ ވަޒީފާއަށް އަނބުރާ ނަގައި ބަދަލު ދިނުމަށް ޓްރައިބިއުނަލުން އަމުރުކޮށްފައިވެއެވެ. ނަމަވެސް، ހައިކޯޓުން ވަނީ ޓްރައިބިއުނަލުގެ އަމުރު ބާޠިލުކޮށް، އޭނާއަށް އެއް ރުފިޔާގެ ބަދަލެއް ދިނުމަށް ޙުކުމްކޮށްފައެވެ.






