ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ފޮނުއްވި މި މެސެޖުގައި، ރައީސް އުރްދުޣާނަށާއި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ހޫނު މަރުޙަބާއާއި އިޚްލާޞްތެރި ތަހުނިޔާ ރައީސް މުޢިއްޒު ވަނީ އަރިސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ތުރުކީވިލާތުގެ ޖުމްހޫރީ ދުވަހަކީ އެ ޤައުމުގެ ވިލުންތެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ މުނާސަބަތެއް ކަމަށް ވިދާޅުވެފައިވެއެވެ. އަދި މިއީ އެ ޤައުމުގެ ސިޔާދަތާއި ތަރައްޤީއާއި ޤައުމު ބިނާކުރުމުގެ އަސާސްތައް ދެމެހެއްޓުމުގައި ޤަރުނެއް ކަޑައްތުކޮށްފައިވާކަން ފާހަގަކުރެވޭ މުނާސަބަތެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހަރުދަނާވެގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، ދޭ އެއްބާރުލުމާއި، ދެ ޤައުމުގެ އެކުވެރިކަމަށް ދޭ އަހައްމިއްޔަތު ފާހަގަވެގެންދާ ކަމެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތުރުކީވިލާތުގެ އަންތަލްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް31 ގެ ހައި-ލެވެލް ސެގްމެންޓް ބައްދަލުވުމުގައި ރައީސް އުރްދުޣާނާ ބައްދަލުވެވަޑައިގެން، ދެ ޤައުމުގެ ދޭދޭ ގުޅުންތަކުގެ ކުރިއެރުން މުރާޖާކުރެވި، ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތައް ފާހަގަކުރެވޭނެ ކަމުގެ އުއްމީދު އާކުރައްވަމުންނެވެ.






