ނޫސްވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި އިންޒާރުދީ، ފުރައްސާރަކޮށް ބިރުދައްކަމުންދާ ކަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ)އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެމްއެމްބީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޚަބަރުތައް ކަވަރުކޮށް އެކި އިވެންޓުތަކުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް އަމާޒުކޮށް ބިރުދެއްކުމާއި އިންޒާރުދިނުމުގެ މައްސަލަތައް ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
"ޚާއްސަކޮށް ހުތުރު ބަހުރުވައިން ފުރައްސާރަކޮށް ފުރާނައަށް ނުރައްކާވާ ފަދަ އިންޒާރުތައް ދީގެން ހިންގާ މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް މި ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ބަޔާނުގައިވެއެވެ.
ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ގޮތުގައި ބެލެވޭ މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަށް ގަނާކޮށް ބިރުދެއްކުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން، ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި މީޑިއާތަކުންވެސް ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދިނުމަށް ކޮމިޝަނުން ހަނދާންކޮށްދީފައިވެއެވެ. އެގޮތުން، ނޫސްވެރިންގެ ސުލޫކީ މިންގަނޑުގެ 10 ވަނަ މާއްދާގެ (ނ) ގެ ދަށުން، މީހެއްގެ އަބުރާއި އިއްޒަތަށް އުނިކަން އަންނަ ފަދަ، ނުވަތަ މުޖުތަމައުގައި ބޭނުންކުރުން އެކަށީގެންނުވާ ހަޑިހުތުރު ބަސްތަކާއި އަމަލުތަކާއި އިޝާރާތްތައް ހިމެނޭ އެއްވެސް އެއްޗެއް ޝާއިޢުކުރުމަކީ ނުވަތަ ދެއްކުމަކީ ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް މަނާކަމެއް ކަމަށް ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤު ބޭނުންކުރުމުގައި ހުރިހާ ފަރާތްތަކުންވެސް ޒާތީ ތައައްޞުބުން އެއްކިބާވެ، ޒިންމާދާރުކަމާއެކު އަމަލުކުރުމަށް ކޮމިޝަނުން އިލްތިމާސްކޮށްފައިވެއެވެ.
އެމްއެމްބީސީން މި ބަޔާން ނެރުނީ، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އީގަލް ހިލްސްގެ ދައުވަތަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ދިޔަ ދިވެހި ނޫސްވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ފުރައްސާރަކޮށް އިންޒާރުދެމުންދާ މައްސަލަ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ފުލުހަށް ހުށަހަޅައި، ފުލުހުންގެ ކޮމިޝަނަރު އަޙްމަދު މުޙައްމަދަށް ސިޓީއެއް ފޮނުވައިފައިވާ ހިނދުއެވެ.
އެމްޖޭއޭގެ ސިޓީގައި ބުނެފައިވަނީ، އެ ދަތުރުގައި ބައިވެރިވި ނޫސްވެރިން ޣައްދާރުންނާއި ޒަޔަނިސްޓުންނާއި ޔަހޫދީންގެ ގޮތުގައި ލޭބަލްކޮށް، ހުތުރު ބަހުން ފުރައްސާރަކުރަމުންދާ ކަމަށާއި، މިފަދަ އަމަލުތަކުގެ ސަބަބުން ނޫސްވެރިންނާއި އެމީހުންގެ އާއިލާތަކުގެ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށެވެ.






