ރ. ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ދައުލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ދައުވާތަކުގެ ތެރެއިން ބައެއް ކަންކަން، އެ މަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރައްވައިފިއެވެ.
ދައުލަތުން ޔާމީންގެ މައްޗަށް މި މައްސަލައިގައި އުފުލައިފައިވަނީ ރިޝްވަތު ޤަބޫލުކުރެއްވުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. މި ދައުވާތަކާ ގުޅިގެން ހުކުމް އިއްވުމަށް އިއްޔެ ތާވަލުކޮށްފައި ވީ ނަމަވެސް، ހުކުމް ކުރުން ވަނީ ފަސްކޮށްފައެވެ.
ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި ޔާމީންގެ ފަރާތްޕުޅުން ބައެއް ކަންކަން އެ ކޯޓަށް ހުށަހެޅުއްވީ އިއްޔެއެވެ. އެހެން ނަމަވެސް، ހައިކޯޓަށް ހުށަހެޅުއްވި ކަންކަމުގެ ތަފުސީލު ސާފެއް ނުވެއެވެ. މި ހުށަހެޅުއްވުންތައް ބަލައިގަތުމާ މެދު ހައިކޯޓުން އަދި ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ.
ފުއްގިރި މުއާމަލާތަކީ ރައީސް ޔާމީނަށް ނާޖާއިޒު ގޮތުގައި ފައިސާ ހޯދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދި މުއާމަލާތެއް ކަމަށާއި، އެ މުއާމަލާތުން ލިބުނު ފައިސާ ޕާޓީއަށާއި ޔާމީނަށް ލިބޭ ގޮތަށް މުއާމަލާތް ހިންގަން މަސައްކަތްކުރި ކަމަށް ދައުލަތުން ބުނެއެވެ. އެހެންނަމަވެސް، ޔާމީންގެ ފަރާތްޕުޅުން ބުނެފައިވަނީ އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވީ ޑޮލަރު މާރުކުރުމުގެ ސައްޙަ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށެވެ.
ފުއްގިރި މައްސަލަ ހުކުމާ ހިސާބަށް ގޮސްފައިވާއިރު، ކްރިމިނަލް ކޯޓުގައި ދެން ކުރިއަށްދަނީ ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައެވެ. އެ މައްސަލައިގެ ޝަރީޢަތުގައި ޔާމީންގެ ދިފާޢީ ހެކިތަކާއި، ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.






