Thursday, October 29
ރަސްމާލޭގައި ރަލާއި ކެސީނޯއަށް ފުރުޞަތެއް ނޯންނާނެ: ރައީސް

ރަސްމާލޭގައި ރަލާއި އޫރުމަސް ވިއްކުމާއި، ކެސީނޯ ހިންގުން ފަދަ އެއްވެސް ކަމަކަށް ފުރުޞަތު ނޯންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ތަރައްޤީކުރާ ވޯޓަރފްރަންޓާއި މެރީނާ މަޝްރޫޢު ނިމި ޚިދުމަތް ދޭން ފެށި ނަމަވެސް، އެ ތަނުގައި ރަލާއި އޫރުމަސް ވިއްކުމުގެ އިތުރުން ޖުވާކުޅޭ ކެސީނޯތައް ނުހުންނާނެ ކަމަށެވެ.

އިސްލާމީ އާދަކާދައާއި އުސޫލުތަކާ ހިލާފު އެއްވެސް ކަމަކަށް އެ ތަނުން ފުރުޞަތު ނުދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މީގެ އިތުރުން، ރަސްމާލެ މަޝްރޫޢަކީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ހިންގޭ، ފުރިހަމަ ހާމަކަން ބޮޑު މަޝްރޫޢެއްކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ސިއްރުވެފައިވާ އެއްވެސް ކަމެއް މި މަޝްރޫޢުގެ ތެރޭގައި ނޯންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ޔޫއޭއީގެ ވިޔަފާރިވެރިޔާ މުޙައްމަދު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ރަސްމާލެ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ، ޒަމާނީ ފެންވަރުގެ ޢިމާރާތްތަކާއި، ފަތުރުވެރިކަމާއި ވިޔަފާރީގެ މައި ވަޞީލަތްތައް އެކުލެވޭ ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައެވެ. މި މަޝްރޫޢުގެ ސަބަބުން ބޯހިޔާވަހިކަމުގެ ތަނަވަސް ފުރުޞަތުތަކެއް ފަހިވެ، ދިވެހިރައްޔިތުންނަށް އިޤްތިޞާދީ ގޮތުން ގިނަގުނަ މަންފާތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ހަމަ އެ ޕޮޑްކާސްޓުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަކި ގައުމެއްގެ ޕަޕެޓަކަށް ވެގެން އުޅުމަކީ ދިވެހިރާއްޖޭގެ ރައްޔިތުން ޤަބޫލުކުރާނެ ގޮތެއް ނޫން ކަމަށެވެ.

2008 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރި ސަރުކާރުތަކުން ވަކި ޤައުމަކަށް މާބޮޑަށް ބަރޯސާވެ، ޖިއޯޕޮލިޓިކްސްގެ ތެރޭގައި ރާއްޖޭގެ މަސްލަހަތު ގެއްލުވާލާފައިވާ ކަމަށާއި، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ދަމަހައްޓަވާފައިވާ ފަދަ ވަކިފަރާތަކަށް ނުޖެހޭ ޚާރިޖީ ސިޔާސަތެއް މިހާރުގެ ސަރުކާރުންވެސް ދަމަހައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެއަކީ ޚާއްޞަކޮށް ޢަރަބި އިސްލާމީ ޤައުމުތަކާ އޮންނަ ގުޅުން ބަދަހިކުރުމަށް އިސްކަންދޭ ޤައުމަކަށް ވާންޖެހޭނެ ކަމަށާއި، އެހެން ދެ ޤައުމެއްގެ ދެމެދުގައި އޮންނަ މައްސަލަތަކުގެ ތެރެއަށް ރާއްޖެއިން ނުވަންނާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު