Wednesday, October 28
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދުނިޔޭގެ ފެންވަރުގެ ދެ ކެޓަގަރީއަކަށް ވީއައިއޭ ނޮމިނޭޓްވެއްޖެ

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް 2026" ގެ ދުނިޔޭގެ ފެންވަރުގެ ދެ ކެޓަގަރީއަކަށް ރާއްޖޭގެ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ނޮމިނޭޓްވެއްޖެއެވެ.

އެގޮތުން ވީއައިއޭ ނޮމިނޭޓްވެފައިވަނީ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026" އަދި "ވޯލްޑްސް ލީޑިންގ އެއާޕޯޓް – ކަސްޓަމަރ އެކްސްޕީރިއަންސް 2026" މި ދެ ކެޓަގަރީއަށެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް ބިއުރޯ އާއިޝަތު ރިޝްފާ ވިދާޅުވި ގޮތުގައި، ދުނިޔޭގެ ފެންވަރުގެ ކެޓަގަރީތަކުން ވީއައިއޭއަށް ވާދަކުރުމުގެ ފުރުސަތު ތަނަވަސްވީ ސަރަހައްދީ ފެންވަރުގައި ބޭއްވުނު އެވޯޑު ހަފުލާގައި "އިންޑިއަން އޯޝަންސް ލީޑިންގ އެއާޕޯޓް 2026" ގެ ޝަރަފު ވީއައިއޭއިން ކާމިޔާބުކޮށްފައިވާތީއެވެ.

ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއާޕޯޓު ހޮވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް" ކެޓަގަރީގައި ވީއައިއޭއާއެކު ދުނިޔޭގެ ބޮޑެތި 21 އެއާޕޯޓަކުން ވާދަކުރެއެވެ. އޭގެ ތެރޭގައި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އިސްތަންބޫލުގެ އައިޖީއޭ އެއާޕޯޓާއި، އެޓްލާންޓާގެ ހާޓްސްފީލްޑް-ޖެކްސަން އިންޓަނޭޝަނަލް އެއާޕޯޓާއި، ނިއުޔޯކުގެ ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓު އަދި ޒިއުރިކް އެއާޕޯޓު ހިމެނެއެވެ.

ދަތުރުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރަށް ބަލައި ދެވޭ "ވޯލްޑްސް ލީޑިންގ އެއާޕޯޓް – ކަސްޓަމަރ އެކްސްޕީރިއަންސް 2026" ކެޓަގަރީން ދުނިޔޭގެ މަޝްހޫރު 12 އެއާޕޯޓަކާ ވީއައިއޭއިން ވާދަކުރާނެއެވެ.

މި ދެ ކެޓަގަރީއަށް ވޯޓުލުމުގެ ފުރުސަތު ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ. ވީހާވެސް ގިނަ ފަރާތްތަކުން ވޯޓުލުމުގައި ބައިވެރިވުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި އަހަރުވެސް ރާއްޖެއިން ވަނީ 7 ވަނަ ފަހަރަށް "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން" ގެ އެވޯޑަށް ނޮމިނޭޓްވެފައެވެ. ރާއްޖެއިން ވަނީ މި އެވޯޑު މީގެ ކުރިން 6 ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު