Wednesday, October 28
ސަލާމަތީ ސަބަބުތަކާ ހުރެ މޯލްޑިވިއަންގެ ޢުމްރާ ދަތުރު ފަސްކޮށްފި

މެދުއިރުމަތީގެ މަސްރަޙު ގޯސްވުމާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި މާދަމާ މާލެއިން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރު މޯލްޑިވިއަނުން ފަހުގެ ތާރީޚަކަށް ފަސްކޮށްފިއެވެ.

މި ދަތުރަކީ ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ގުޅިގެން ކުރަން ހަމަޖެހިފައިވާ ދަތުރެކެވެ.

ދެ މުއައްސަސާއިން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާ ހިމެނޭ ސަރަޙައްދުގެ ސަލާމަތީ ކަންކަން އެ އެއާލައިނުން ވަރަށް ގާތުން ބަލަމުން ދާ ކަމަށެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދުގެ މަސްރަޙު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި، އެސެސްމަންޓުތަކުން ދައްކާ ގޮތުން މިހާރު އޮތް ނުރައްކަލުގެ މިންވަރަކީ ފަސިންޖަރުންގެ ސަލާމަތަށް ބުރޫ އަރާފާނެ ފަދަ ޙާލަތެއް ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބަޔާނުގައިވެއެވެ.

މެދުއިރުމަތީގެ މަސްރަޙު ގޯސްވަމުން ދިއުމުގެ ސަބަބުން ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކުން ވެސް ސަޢޫދީ ޢަރަބިއްޔާއަށް ކުރާ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން ނެރެފައިވާ ބަޔާންތަކާ ގުޅިގެން، ޖިއްދާގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގައި ވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދަތުރު ފަސްކުރުމާ ގުޅިގެން ޢުމްރާވެރިންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަނުން ވަނީ މާފަށް އެދިފައެވެ. އަދި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެ ދަނޑިވަޅެއްގައި ވެސް އެންމެ ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށް ދެ މުއައްސަސާއިން ފާހަގަކޮށްފައިވެއެވެ.

މަސްރަޙު ހަމައަކަށް އެޅި، ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުވުމުން، މި ދަތުރަށް ފައިސާ ދައްކާފައިވާ ހުރިހާ ފަރާތްތަކަށް އިތުރު އަގަކާ ނުލައި ޢުމްރާގެ އަޅުކަމަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދެވޭނެ ކަމުގެ ޔަޤީންކަން ޙައްޖު ކޯޕަރޭޝަނުން ވަނީ ދީފައެވެ.

ދަތުރު ކުރާނެ އައު ތާރީޚު ފަސިންޖަރުންނަށް ވީ އެންމެ އަވަހަކަށް އަންގާނެ ކަމަށާއި، މި ދަތުރުގައި ބައިވެރިވާ ފަސިންޖަރުންނަށް ބޭނުންވާ އެހީތެރިކަން ދެ މުއައްސަސާއިން ގުޅިގެން ފޯރުކޮށްދޭނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު