ކ. ތުލުސްދޫ ކައިރީގައި ދެ ލޯންޗު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ތުލުސްދޫ ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓުވެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 19:55 ހާއިރު ކަމަށެވެ. އަދި ދެ މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެކްސިޑެންޓުވީ "ތުލުސްދޫ ތަރިކަ އެކްސްޕްރެސް" ނަމަކަށް ކިޔާ ލޯންޗަކާއި މީރު އައިލެންޑް ރިސޯޓުގެ ލޯންޗެއް ޖެހިގެންނެވެ. ޖެހުނު އެއް ލޯންޗުގައި ކުޑަކުދިންވެސް ތިބި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ މި އެކްސިޑެންޓުގައި ޖުމްލަ ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެއީ ތިން ފިރިހެނަކާއި އަންހެނެކެވެ.
އަންހެން މީހާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު، އޭނާއަށް ފަރުވާ ދެމުން އަންނަނީ ތުލުސްދޫ ހެލްތު ސެންޓަރުގައެވެ.
ތިން ފިރިހެނުންގެ ހަށިގަނޑުގެ އެކި ތަންތަނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ، އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް އެމީހުން ޕޮލިސް ލޯންޗަށް އަރުވާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.






