Wednesday, October 28
މޯލްޑިވްސް ފައިނޭންސް ފޯރަމްގެ ޕާޓްނަރަކަށް ޔޫއެންޑީޕީ ހަމަޖައްސައިފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް 2026" ގެ ޕާޓްނަރަކަށް ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ޕެންޝަން އޮފީހުން ބުނީ، މި އަހަރުގެ ފައިނޭންސް ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 14 ނޮވެމްބަރު 2026 ގައި ކަމަށެވެ. މި ބައްދަލުވުމަކީ ސިލްސިލާކޮށް ބާއްވަމުން އަންނަ މޯލްޑިވްސް ފައިނޭންސް ފޯރަމްގެ 13 ވަނަ އެޑިޝަނެވެ.

މި އަހަރުގެ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން" މި ޝިޢާރުގެ ދަށުންނެވެ. މި ފޯރަމްގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަޤްވާމީ ތަޖުރިބާކާރުން އެއްތަނަކުން ބައްދަލުކުރާނެއެވެ.

ޕެންޝަން އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ގްރީން ފައިނޭންސް ކުރިއަރުވައި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ފަހިކުރުމަށާއި، ވިލުންވެރި ރައްކާތެރި އިޤްތިޞާދެއް ބިނާކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމެވެ.

މީގެއިތުރުން، ޢަމަލީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި، ވިލުންވެރި ރައްކާތެރި އިޤްތިޞާދެއް ބިނާކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އައު ޚިޔާލުތައް ހޯދުމަށް ބާރުއެޅިގެންދާނެ ކަމަށް ޕެންޝަން އޮފީހުން މަޢުލޫމާތުދެއެވެ.

މެންބަރުންގެ ރިޓަޔަރމަންޓް ސޭވިންގްސް މެނޭޖުކޮށް ދިގު މުއްދަތަށް އިންވެސްޓްކުރާ މާލީ މުއައްސަސާއެއްގެ ހައިސިއްޔަތުން، ހަރުދަނާ އަދި ވިލުންވެރި އިޤްތިޞާދަކާއި، ފުޅާ އިންވެސްޓްމަންޓް މާކެޓެއް ތަރައްޤީކުރުމަކީ ޕެންޝަން އޮފީހުގެ މަސައްކަތްތަކާ ސީދާ ގުޅިފައިވާ ކަމެކެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމަކީ މާލީ އަދި އިޤްތިޞާދީ މުހިންމު ކަންކަމާ ބެހޭގޮތުން ޚިޔާލު ބަދަލުކުރުމަށް ފަހިވެގެންދާ ވަރަށް މުހިންމު މަންސައެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު