Wednesday, October 28
ގިރިފުށީ ބިންހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

ކ. ގިރިފުށީގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި މިހާރު ކުރިއަށްދަނީ ރިވެޓްމަންޓް ޓައިޕް ސީގެ ކޯ ލޭޔަރާއި އާމަރ ލޭޔަރު އެޅުމުގެ މަސައްކަތްތަކެވެ. މީގެ އިތުރުން ކީވޯލްގެ ކޮންކްރީޓް ކެޕިންގް އެޅުމާއި، ރޭމްޕް އަދި ބްރިޖް ހެދުމުގެ މަސައްކަތުގެ އިތުރުން ޖެޓީގެ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތްތައް ވެސް ހުއްޓުމެއްނެތި ކުރިއަށް ދަނީއެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމުގެ ސަރަޙައްދަށް އިތުރު 13.3 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެއެވެ. މިއާއެކު އެ ރަށުގައި ހިންގާ އަސްކަރީ ތަމްރީނުތަކަށް ބޭނުންކުރެވޭ ބިމުގެ ޖާގަ ވަރަށް ބޮޑަށް ތަނަވަސްވެގެންދާނެ ކަމަށް ދިވެހި ޤައުމީ ދިފާޢީ ބާރުން ފާހަގަކުރެއެވެ.

މި މަޝްރޫޢުގެ ތެރޭގައި، ރަށުގެ އައްސޭރިފަށުގެ ހިމާޔަތްކުރުމަށް ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ރަށް ގިރުން ހުއްޓުވުމަށްޓަކައި ބޭރުތޮށްޓާއި ގްރޮއިންސް ޖެހުން ހިމެނެއެވެ. އަދި އުޅަނދުފަހަރު ކައިރިކުރުމަށް އެލް-ބްލޮކް ކީ-ވޯލް ހެދުމުގެ އިތުރުން، 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު، މިހާރު ބޭނުންކުރަމުންދާ 100 މީޓަރުގެ ފަޔަރިންގ ރޭންޖުގެ ބަދަލުގައި، ބައިނަލްއަޤްވާމީ ފެންވަރުގެ 300 މީޓަރުގެ ސްމޯލް އާމްސް ރޭންޖެއް ވެސް ގިރިފުށީގައި ތަރައްޤީކުރެވޭނެއެވެ.

ގިރިފުށްޓަކީ ޤައުމީ ދިފާޢީ ބާރުގެ އަސްކަރީ ތަމްރީނުތައް މައިގަނޑު ގޮތެއްގައި ބާއްވަމުން އަންނަ ރަށެވެ. މި މަސައްކަތްތައް ނިމުމުން، ކުރިއަށް އޮތް މަރުޙަލާތަކުގައި ގިރިފުށި ތަރައްޤީކުރާނީ ހުރިހާ ވަޞީލަތްތަކެއް އެކުލެވޭ ޒަމާނީ ފުރިހަމަ ތަމްރީން މަރުކަޒެއްގެ ގޮތުގައެވެ.

"ދިވެހި ވަޠަނީ ޚިދުމަތް" (ނޭޝަނަލް ސަރވިސް) ޕްރޮގްރާމްގެ ތަމްރީންތައް ދޭ މައި މަރުކަޒަކަށް ވެގެންދާނީ ވެސް ގިރިފުށްޓެވެ. މީގެއިތުރުން ދިވެހި އަސްކަރިއްޔާގެ އޮފިސަރ ޓްރެއިނިންގ ވިންގާއި، އެންސީއޯ އެކެޑަމީން ހިންގާ ތަމްރީންތަކަށް ބޭނުންވާ ވަޞީލަތްތަކާއި، ދަރިވަރުންނާއި މުދައްރިބުންނަށް ބޭނުންވާ އެކޮމޮޑޭޝަން ފެސިލިޓީތައް ވެސް އެ ރަށުގައި ޤާއިމުކުރެވިގެންދާނެއެވެ.

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އިފްތިތާޙުކޮށްފައިވަނީ މިދިޔަ ޖޫން މަހުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު