Wednesday, October 28
ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު ރަން އެތެރެކުރި މީހާ ބަރީޢަކޮށްފި

ހަށިގަނޑުގައި ފޮރުވައިގެން ދެ ކިލޯއަށް ވުރެ ގިނަ ރަން ރާއްޖެ އެތެރެކުރި ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިއްވި އެއް އަހަރުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، އެ މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި ހައިކޯޓުން އޭނާ ބަރީޢަކޮށްފިއެވެ.

ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު ސުލައިމްޚާންގެ މައްޗަށް ކްރިމިނަލް ކޯޓުން އެއް އަހަރުގެ ޖަލު ހުކުމެއް އިއްވީ 28 އޮކްޓޫބަރ 2025 ގައެވެ. ހައިކޯޓުން އެ ހުކުމް ބާޠިލުކުރީ އޭގެ ސީދާ އެއް އަހަރު ފަހުން، 28 އޮކްޓޫބަރ 2026 ގައެވެ. އެހެންކަމުން ހައިކޯޓުން މި ހުކުމް ކުރިއިރު، އޭނާ ވަނީ ދަށު ކޯޓުން ކަނޑައެޅި ޖަލު މުއްދަތު އެއްކޮށް ތަންފީޒުކޮށް ނިންމާފައެވެ.

މި މައްސަލަ ފެށިގެން އައީ 21 ސެޕްޓެމްބަރ 2023 ގައި، ދުބާއީ މަގުން އެމިރޭޓްސް ފްލައިޓުން ސުލައިމްޚާން ރާއްޖެ އައުމުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ގްރީން ޗެނަލުން ނިކުންނަން އުޅެނިކޮށް ކަސްޓަމްސް އޮފިސަރުން އޭނާ ހުއްޓުވައި ފާސްކުރިއިރު، ދުބާއީން ރަން ގަނެފައިވާ ލިޔެކިޔުންތަކެއް އޭނާގެ ދަބަހުން ފެނުނެވެ.

އޭގެ ފަހުން އޭނާގެ ހަށިގަނޑު ސްކޭންކޮށް އިތުރަށް ބަލައި ފާސްކުރިއިރު، ލައިގެން ހުރި ޖިންސުގެ ޖީބުތަކާއި ބޮކްސާ ތެރޭގައި ފޮރުވާފައި ހުރި ޖުމްލަ 2,282 ގްރާމްގެ ރަން ޕޭސްޓް ވަނީ ފެނިފައެވެ. މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ދަޢުވާ އުފުލީ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ ދަށުން "ސިއްރުން މުދާ އެތެރެކުރުމުގެ" ކުށުގައެވެ.

ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާޤުން ކުރި ހުކުމުގައި ފާހަގަކޮށްފައިވަނީ، ކަސްޓަމްސްގެ ޤާނޫނުގެ ދަށުން ސިއްރުން މުދާ އެތެރެކުރުމުގެ ކުށް ފުރިހަމަވަނީ، އެތެރެކުރުން މަނާ މުދަލަކަށް ވުމުން ނުވަތަ ޑިއުޓީ ދެއްކުމުން މަނާވެގަތުމުގެ ނިޔަތް އޮވެގެން ކަމަށެވެ. ނަމަވެސް ސުލައިމްޚާން ގެނައި ރަނަކީ އެތެރެކުރުން މަނާ އެއްޗެއް ނޫން ކަމަށާއި، އެއީ ޑިއުޓީ ދައްކަންޖެހޭ އެއްޗެއް ވެސް ނޫން ކަމަށް ދައުލަތުން ވެސް ވަނީ އެއްބަސްވެފައެވެ.

ޑިކްލެއަރ ނުކޮށް ގެންނަ ކޮންމެ މުދަލަކީ ޖިނާއީ ގޮތުން "އެތެރެކުރުން މަނާ މުދާ" ކަމުގައި އޮޓޮމެޓިކުން ނުބެލެވޭނެ ކަމަށް ވެސް ހައިކޯޓުން ކަނޑައަޅާފައިވެއެވެ. މި ސަބަބުތަކަށްޓަކައި، ކްރިމިނަލް ކޯޓުގެ ހުކުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި 59 ވަނަ މާއްދާގެ (ހ) އާ ޚިލާފު ހުކުމެއް ކަމަށް ކަނޑައަޅައި، އެ ހުކުމް ވަނީ ބާޠިލުކޮށްފައެވެ.

މި މައްސަލަ ބެއްލެވި ހައިކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވީ ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ، ފަނޑިޔާރު ޙުސައިން މަޒީދު އަދި ފަނޑިޔާރު ޙުޒައިފާ މުޙައްމަދެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު