މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި 14 ބިމެއް ދައުލަތަށް ނަގަން ސަރުކާރުން ނިންމި ނިންމުން ތަންފީޒުކުރުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި، ސިޓީ ކައުންސިލުން މިއަދު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
މަސް މާރުކޭޓާއި ސަލްޓަން ޕާކާއި ކާނިވާ ސަރަހައްދު ހިމެނޭ ގޮތަށް މާލޭގެ 14 ބިމެއް ސިޓީ ކައުންސިލުގެ އިޚްތިޞާޞުން ވަކިކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ނިންމިކަން ހައުސިން މިނިސްޓްރީން އިއުލާނުކުރީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ސަރުކާރުން ބުނި ގޮތުގައި، އެ ބިންތައް ނަގަން ނިންމީ ކައުންސިލުގެ އެއްބާރުލުން ނުލިބި، އެ ތަންތަނުގައި ހިންގަން ރާވާފައިވާ މަޝްރޫއުތައް ކުރިއަށް ނުދާތީއެވެ.
އެ ނިންމުމާ ދެކޮޅަށް ކޯޓަށް ދިއުމަށް ސިޓީ ކައުންސިލުން ނިންމީ މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ.
ސިޓީ ކައުންސިލުގެ މިއަދުގެ ރަސްމީ އާންމު ޖަލްސާގެ ރިޔާސަތުގައި އިންނެވި ޑެޕިއުޓީ މޭޔަރު މީކާއިލް މުހައްމަދު ރިޔާޒު ވިދާޅުވީ، ބިންތައް ނަގަނީ ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް މިހާތަނަށް ކައުންސިލަށް ލިބިފައި ނުވާ ކަމަށެވެ. އެ ތަފުސީލުތައް ހިއްސާކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުގައި އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ބިމާ ގުޅޭ ގޮތުން ހުރި ގާނޫނުތަކުގައި މި ފަދަ ހާލަތްތަކުގައި ފުރިހަމަ ކުރަން ބުނާ އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާތީ ވަގުތީ އަމުރެއް ނެރެދިނުމަށް އަޅުގަނޑުމެން މިއަދު ވާނީ ކޯޓަށް ވެސް ހުށަހަޅާފައި،" މީކާއިލް ވިދާޅުވިއެވެ.
މިލްކިއްޔާތު ބަދަލުކުރުމުގެ ކުރިން ޝަކުވާއެއް ނުވަތަ ޚިޔާލެއް އޮތްނަމަ އެންގުމަށް އެދިފައިވީ ނަމަވެސް، އެފަދަ ޝަކުވާއެއް ނުވަތަ ޚިޔާލެއް ހުށަހެޅޭނީ އެ ބިންތަކުގައި ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ ތަފުސީލީ މަޢުލޫމާތު އެނގިގެން ކަމަށް އިދާރާތަކަށް ފޮނުވި ސިޓީތަކުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.
މީގެ އިތުރުން، މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ވެސް ކައުންސިލުން ވަނީ މީގެ ކުރިން ނިންމާފައެވެ.
ސަރުކާރުން ނަގަން ނިންމާފައިވާ 14 ބިމުގެ ތެރޭގައި ސަލްޓަން ޕާކު، މަސް މާރުކޭޓު، ލޯކަލް މާރުކޭޓު، ސިޓީ ކައުންސިލުގެ މުވައްޒަފުންގެ އެކޮމޮޑޭޝަން ހުންނަ ބިން، ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ހުރި ބިން، ކާނިވާ ސަރަހައްދު، އާޓިފިޝަލް ބީޗު، މަސްވެރިންގެ މައިޒާން، ތައިސޭ ކޮށި، ކުލީ ފާޚާނާ ނަންބަރު 2، ބޮނޑިބަތް ޕާކު އަދި ރަސްފަންނު ހިމެނެއެވެ.
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްޤީގެ މަޝްރޫއުތައް ހިންގުމުގެ ބޭނުމުގައި، އެ ތަނެއް ކައުންސިލުގެ އިޚްތިޞާޞުން ވަކިކޮށް ސަރުކާރުގެ ދަށަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް އަމަލުކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. މި ބަދަލާ ގުޅިގެން ކައުންސިލްތަކުގެ ބާރު ކެނޑިގެންދާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުންނާއި ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދެއެވެ.






