ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޕާކިސްތާނުގެ 5 ޔުނިވަރސިޓީއަކާ ދެމެދު ތަޢުލީމީ ދާއިރާއިން ގުޅުން ހަރުދަނާކުރުމަށް ފަހުމުނާމާތަކެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ޕާކިސްތާނުގެ ހަޔަރ އެޑިއުކޭޝަން ކޮމިޝަނުން އެ ޤައުމުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ޕާކިސްތާނުގެ އެކި ޔުނިވަރސިޓީތަކުގެ ވައިސް ޗާންސެލަރުންނާއި އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއެންޔޫގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒު އާދަމް އެވެ.
އެމްއެންޔޫއާއެކު ސޮއިކުރި ޔުނިވަރސިޓީތަކަކީ ނޭޝަނަލް ޔުނިވަރސިޓީ އޮފް ސައިންސަސް އެންޑް ޓެކްނޮލޮޖީ (ނަސްޓް)، ޔުނިވަރސިޓީ އޮފް ވަހް، ގަވަރމެންޓް ކޮލެޖު ޔުނިވަރސިޓީ ލަހޯރު، ފައުންޑޭޝަން ޔުނިވަރސިޓީ އިސްލާމްއާބާދު އަދި ޕީރް މެހެރް އަލީ ޝާޙް އެރިޑް އެގްރިކަލްޗަރ ޔުނިވަރސިޓީއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ހަޔަރ އެޑިއުކޭޝަން ކޮމިޝަނުގެ ޗެއަރޕާސަން ޕްރޮފެސަރ ޑރ. ނިއާޒު އަޙްމަދު އަޚްތަރު ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ތަޢުލީމީ ދާއިރާއިން އޮތް ގުޅުން ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އޭނާ ވަކިން އަލިއަޅުއްވާލެއްވީ ދިރާސާކުރުމުގެ ރޮނގުންނާއި، ފެކަލްޓީ އަދި ދަރިވަރުންގެ އެކްސްޗޭންޖު ޕްރޮގްރާމްތަކާއި، ކޮންފަރެންސްތަކާއި ސެމިނާތައް ބޭއްވުމާއި، ޑުއަލް ޑިގްރީ ޕްރޮގްރާމުތައް ހިންގުމުގެ ބޭނުންތެރިކަމަށެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒު ވިދާޅުވީ، ދެ ޤައުމުގެ ތަޢުލީމީ މުއައްސަސާތަކުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް މިފަދަ ޚާއްޞަ އެއްވުމެއް ބޭއްވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރިކަމުގެ ހެއްކެއް ކަމަށެވެ. އަދި ދެ ޤައުމުގެ ތަޢުލީމީ ގުޅުން ބަދަހިކުރުމަށް ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުރައްވާ މަސައްކަތްތައް އެކަމަނާ ފާހަގަކުރެއްވިއެވެ.
ޕާކިސްތާނުގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއެކު އޮތް ޒަމާންވީ ގުޅުމުގެ ސަބަބުން އެމްއެންޔޫގެ ކިޔަވައިދިނުމުގެ ޕްރޮގްރާމްތަކަށާއި، ރިސާރޗް އަދި ޑިވެލޮޕްމަންޓް މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް ޑރ. ޝެހެނާޒު ވިދާޅުވިއެވެ.
މި އެއްބަސްވުންތަކަކީ އެމްއެންޔޫގެ 2026-2030 ގެ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ވެވުނު އެއްބަސްވުންތަކެކެވެ. މި ފަހުމުނާމާތަކުގެ ޒަރިއްޢާއިން އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނު ބަދަލުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށާއި، އޭގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ދަރިވަރުންނާއި، ލެކްޗަރަރުންނާއި ދިރާސާވެރިންނަށް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށް އެމްއެންޔޫން ބުނެއެވެ.






