Monday, November 2
މިފްކޯގެ "ރަސް އައިން" ބްރޭންޑު އުފެއްދުމަށް ސީއެސްއާރުގެ ދަށުން އާންމުންނަށް ހުޅުވާލައިފި

މިފްކޯގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ "ރަސްއައިން" ގެ ބާވަތްތައް ސަޕްލައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިފްކޯއިން ބުނީ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މަހުގެ ބާވަތްތައް އުފައްދާ ކުދި ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމާއި، އެ ފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވެދިނުން ކަމަށެވެ.

"ރަސްއައިން" ޕްރޮޑަކްޓްގެ ތެރޭގައި ހިމެނެނީ މަހުން އުފައްދާ، އަގު އެއްކުރެވިފައިވާ ދިވެހި ކާނާގެ ބާވަތްތަކެވެ. އޭގެތެރޭގައި އަތުޖެހި، ހަނޑުލު ގުޅަ، ކުޅި ކާޖާ އަދި ތެލުލި ބަޖިޔާ ފަދަ ބާވަތްތައް ހިމެނެއެވެ.

މީގެއިތުރުންވެސް މިފްކޯގެ ރޯ މެޓީރިއަލް ބޭނުންކޮށްގެން ގިނަ ދުވަހަށް ތާޒާކަންމަތީ ބެހެއްޓޭނެ އެފަދަ ކާބޯތަކެތި ތައްޔާރު ކުރެވޭނެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން މިފްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް ޖެނެރަލް މެނޭޖަރު އައިމިނަތު ސަނިއްޔާ ޝަރީފް ވިދާޅުވީ ކުރިން މި ޕްރޮގްރާމް މެދު ކަނޑާލަން ޖެހުނީ ކޯވިޑް-19 ގެ ހާލަތާ ގުޅިގެން ކަމަށެވެ. އަދި އޭރު މައިގަނޑު ގޮތެއްގައި ޅ.ހިންނަވަރާއި އެ އަތޮޅު ނައިފަރުގެ އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާއި، މިފަހަރުގެ އަމާޒަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އެކި އަތޮޅުތަކުން ވެސް މި ޕްރޮގްރާމުގައި ބައިވެރިކުރުވުމަށް ބާރުއެޅުން ކަމަށެވެ.

"މި މަސައްކަތް އަޅުގަނޑުމެން އަލުން މި ފަށަނީ. އިރާދަކުރެއްވިއްޔާ މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ރަނގަޅު ފެންވަރެއްގެ ޕްރޮޑަކްޓް ރޭންޖަކަށް މިކަން ގެންދާނަން. މިސާލަކަށް ހޮވޭ ބޭފުޅުންނަށް އަޅުގަނޑުމެން ހެޔޮއަގެއްގައި ކުނޑިމަސް ފޯރުކޮށްދޭނަން. އެގޮތަށް ވަރަށް ގިނަ ބާވަތްތަކުން ރަނގަޅު އަގެއް ދެވޭނެ." ސަނިއްޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މަސައްކަތަށް ހޮވޭ ފަރާތްތަކުން އާންމުންގެ މެދުގައި އިތުބާރު ހޯދާފައިވާ މިފްކޯގެ ރޯ މެޓީރިއަލް ބޭނުންކޮށްގެން ގިނަ ބާވަތްތައް އުފެއްދުމަށް ބާރުއަޅާނެ ކަމަށާއި އައު ގިނަ ބާވަތްތައް ބާޒާރަށް ނެރުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިފްކޯއަށް ޕްރޮޕޯސަލް ހުށަހެޅަންޖެހޭއިރު، ގޭގައި ކާބޯތަކެތި ތައްޔާރުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދޫކޮށްފައިވާ ހުއްދައިގެ ކޯޑު މިފްކޯއަށް ހުށަހަޅަންޖެހޭނެއެވެ. އަދި
ސަޕްލައި ކޮށްދެވިދާނެ ބާވަތްތަކުގެ ނަމާއި އޭގައި އެކުލެވޭ ބައިތަކުގެ ތަފްސީލު ހިމަނަންޖެހޭނެއެވެ.

ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރުގެ އިތުރުން ކޮންމެ ބާވަތަކުން 500 ގްރާމްގެ ސާމްޕަލް ވެސް ހުށަހަޅަން ޖެހެއެވެ.

ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި މަހުގެ 7 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 އަށެވެ.

އެގޮތުން މިފްކޯގެ ކޯޕަރޭޓް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ bid@mifco.mv އަށް ޕްރޮޕޯސަލްތައް އާންމުންނަށް ފޮނުވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު