ގއ. ކޮލަމާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމިފައިވާ ކަމުގައި އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނީ، ބިން ހިއްކުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާއިރު، މިހާރު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ފެންބޮޑުވުން ހުއްޓުވުމަށް ގާއިމުކުރާ ބަޔޯސްވޭލް (ޑްރެއިނޭޖް) ނިޒާމުގެ މަސައްކަތްތައް ކަމަށެވެ. ބަޔޯސްވޭލް އަކީ ވާރޭފެން ހިންދުމަށާއި، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފެން ބިމުގެ ތެރެއަށް ފުރާނައިގެން ފޮނުވާލުމަށްޓަކައި ހަދާ ނިޒާމެކެވެ.
މި މަޝްރޫޢުގެ ދަށުން 9.16 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 823 މީޓަރުގެ ޑްރެއިނޭޖް ބަޔޯސްވޭލެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢު ހިންގަނީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު، ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 17 އޮގަސްޓް 2023 ގައެވެ.
އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް ހެދުމަށްފަހު، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ސައިޓުގައި ފަށާފައިވަނީ 3 އޭޕްރީލް 2024 ގައެވެ.
ބޮޑުމިނުގައި 34.6 ހެކްޓަރު އޮންނަ ކޮލަމާފުށްޓަކީ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. އާބާދީގައި ގާތްގަނޑަކަށް 1,600 މީހުން ދިރިއުޅޭ އެ ރަށުން އެންމެ ފަހުން ބަންޑާރަ ގޯތި ދޫކޮށްފައިވަނީ 2006 ވަނަ އަހަރު ކަމަށްވާއިރު، މި މަޝްރޫޢު ނިމުމުން ކުރިއަށްއޮތް 50 އަހަރަށް ބޭނުންވާ ބިމާއި ބޯހިޔާވަހިކަމުގެ ޖާގަ ލިބިގެންދާނެ ކަމަށް ކައުންސިލުން ލަފާކުރެއެވެ.
މަޝްރޫޢުގެ ބާކީ ހުރި މަސައްކަތްތައް ވެސް ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މަޢުލޫމާތު ލިބެއެވެ.






