Thursday, October 22
ރަސްމާލެ މަޝްރޫޢަކީ ވަޒަންވެރިކުރުވާ މަޝްރޫޢެއް ނޫން: މިނިސްޓަރު މުއްޠަލިބް

ރަސްމާލޭގައި އީގަލް ހިލްސް ކުންފުނިން ކުރިއަށްގެންދާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫޢަކީ ބޭރުގެ ބަޔަކު ރާއްޖޭގައި ވަޒަންވެރިކުރުވުމުގެ މަގުސަދުގައި ހިންގާ މަޝްރޫޢެއް ނޫން ކަމަށާއި، މިއީ ފަތުރުވެރިކަމުގެ ބޭނުމަށް "ހޮލިޑޭ ހޯމްސް" ތަރައްޤީކުރުމަށް ހިންގާ ރިއަލް އެސްޓޭޓް މަޝްރޫޢެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރޭ އެމްއެމްޓީވީގެ "ބޮޑު ހަބަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އެއްގޮތަކަށްވެސް މިއީ ބަޔަކު އައިސް ދިރިއުޅެ އެމީހުންގެ ދަރިފަސްކޮޅު އާބާދުކުރުމުގެ މަގުސަދުގައި ހިންގާ ކަމެއް ނޫން. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ހިންގާނެ ހޮލިޑޭ ހޯމްސްގެ ކަންކަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިސްރުގެ "އަލްމަރާސީ" ފަދަ ތަންތަނުގެ މިސާލު ނަންގަވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ މިފަދަ މަންޒިލުތަކުގައި ދާއިމީ ގޮތެއްގައި ވަޒަންވެރިވެގެން އުޅެނީ ޕްރޮޕަޓީ ގަންނަ މީހުންގެ ތެރެއިން 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ އަދަދެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ހިމެނޭ ބިމުގެ ދާއިމީ މިލްކުވެރިޔަކީ ދިވެހި ދައުލަތެވެ. ރާއްޖޭގެ ގާނޫނުއަސާސީ ބިން އެއްކޮށް މިލްކުކުރުމަށް ތަންނުދޭތީ، މި މަޝްރޫޢު ކުރިއަށް ގެންދަނީ ގިނަވެގެން 99 އަހަރަށް ކުއްޔަށް ދޭ (ލީސްހޯލްޑް) އުސޫލުން ކަމަށާއި، އެއްވެސް ފަރާތަކަށް "ފްރީހޯލްޑް" ނުވަތަ ބިމުގެ އަސްލު މިލްކުވެރިކަމުގެ ހައްގެއް ނުލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އީގަލް ހިލްސް އިން އަލަށް ޕްރޮޕަޓީތައް ވިއްކާއިރު، ލިބޭ ޖުމްލަ އާމްދަނީގެ 10 އިންސައްތައިގެ އިތުރުން މުއާމަލާތުގެ އަގުގެ ހަތަރު އިންސައްތަ ސީދާ ދައުލަތަށް ލިބޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އޭގެ ފަހުން ޕްރޮޕަޓީއެއް ދެވަނަ ފަރާތަކަށް ވިއްކާ ކޮންމެ ފަހަރަކު، އަގުގެ ހަތަރު އިންސައްތަ ޓްރާންސްފާ ފީއެއްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭނެއެވެ.

ޕްރޮޕަޓީ ގަންނަ އެއްވެސް މީހަކަށް އަމިއްލަ އިޚްތިޔާރުގައި އެހެން ފަރާތަކަށް މިލްކިއްޔާތު ބަދަލުކުރުމުގެ ބާރެއް ނޯންނާނެ ކަމަށާއި، ކޮންމެ މުއާމަލާތެއް ހިނގާނީ ސަރުކާރުގެ ބައިވެރިވުމާއި ހުއްދައާއެކު ކަމަށް މިނިސްޓަރު ބަޔާންކުރެއްވިއެވެ. އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ނިމުމެއް ނެތް ގޮތަށް މުއްދަތު އިތުރުކުރުމުގެ ހައްގެއްވެސް ނޯންނާނެއެވެ.

މީގެ އިތުރުން، ރަސްމާލެއިން ޕްރޮޕަޓީއެއް ގަނެފައިވާ ބޭރުގެ ރައްޔިތެއްގެ ވިސާ ދައުލަތުން ބާތިލުކޮށްފިނަމަ، އޭނާ ވަގުތުން ރާއްޖެއިން ފުރައިގެން ދާންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގައި ހުރެވޭނީ އިމިގްރޭޝަންގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ހުއްދަ ލިބޭ މިންވަރަކަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން އަބޫދާބީގެ އީގަލް ހިލްސްއާއެކު ފާއިތުވި ސެޕްޓެމްބަރު މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ރަސްމާލޭގެ 500 ހެކްޓަރުގެ ސަރަހައްދެއްގައި 20 ބިލިއަން ޑޮލަރުގެ މި މަޝްރޫޢު ތަރައްޤީކޮށް ހިންގާނީ އެ ކުންފުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު