ވިލިމާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މަޝްހޫރު ތިން ފިލްމީ ތަރިން ހިމެނޭ ހަތަރު މީހުންގެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައި، ތިން ތަރިން ބަންދުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ، ދޫކޮށްލާފައިވަނީ އަހުމަދު އަޒްމީލް (44އ)، އިސްމާއީލް ޖުމައިހު (35އ) އަދި މުހައްމަދު ވިޝާލް (ރޯމަން) (29އ) ކަމަށާއި، ހަތަރު ވަނަ މީހާ ކަމަށްވާ އަޒްމީލުގެ ކޮއްކޮ ޝާހިލު މުހައްމަދު (42އ) ވެސް މިއަދުގެ ތެރޭގައި ބަންދުން ދޫކޮށްލާނެ ކަމަށެވެ.
ކޯޓު މަރުހަލާގެ ތެރެއިން މައްސަލަ ކުރިއަށްދާއިރު، އެ މީހުން އިތުރަށް ހައްޔަރުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިނަމަ، އެގޮތަށް އަމަލުކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ހަތަރު މީހުން ހައްޔަރުކުރީ މިމަހުގެ 8 ވަނަ ދުވަހު ވިލިމާލޭގައި ހުންނަ ގެއެއްގެ ކޮޓަރިއަކުންނެވެ. ކޮޓަރީގެ ދޮރު ތަޅުލާފައި ހުރުމުން ފުލުހުން ބާރުގެ ބޭނުންކޮށްގެން ދޮރު ހުޅުވިއިރު، ކޮޓަރީގައި ހުރި މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހުރީ ހާމައަށެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަން ޓްރެފިކިން މިންގަނޑަށް އަރާތީ، މި އެންމެންގެ މައްޗަށް ތުހުމަތުކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ މައްސަލައެވެ.
މިމަހުގެ 9 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ހަތަރު މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖެހިއެވެ. އެ މުއްދަތު ހަމަވާން އޮތީ އަންނަ ހޮނިހިރު ދުވަހަށެވެ.
ޖުމައިހު ފިޔަވައި އަނެއް ތިން މީހުންނަކީ މީގެކުރިން ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށް ބަންދުކުރި ރެކޯޑު އޮތް ފަރާތްތަކެކެވެ.






