Thursday, October 22
އެފްޑީސީ ފްލެޓްތަކާ ގުޅޭ 6،917 މައްސަލައެއް ހުށަހަޅައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ ފަރާތުން ޖުމްލަ 6،917 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

އެފްޑީސީން ބުނީ، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ ކޯޕަރޭޝަންގެ ޕޯޓަލް، އީމެއިލް އަދި ރިސެޕްޝަން މެދުވެރިކޮށް މި މައްސަލަތައް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން 6،128 މައްސަލަ ހައްލުކޮށްދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ. ހައްލުނުކުރެވި ބާކީ ހުރި 789 މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަންގެ ޓީމުތަކުން މިހާރު ކުރަމުންދާ ކަމަށް ވެސް އެފްޑީސީން ވަނީ ބުނެފައެވެ.

ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ފެން ލީކުވުމާއި އިމާރާތުގެ މެއިންޓެނަންސްއާ ގުޅުންހުރި މައްސަލަތަކެވެ. މީގެ އިތުރުން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމާއި މަޢުލޫމާތު އަޕްޑޭޓްކުރުމާ ގުޅޭ ދަތިތަކާއި، އެޕާޓްމަންޓްތަކަށް ގެންނަން އެދޭ ބަދަލުތަކާ ގުޅޭ ޝަކުވާތައް ވެސް ހުށަހަޅާފައިވެއެވެ.

އަދި އަޑުގަދަވުމުގެ އުނދަގުލާއި، ޓަވަރުތަކުގެ އާންމު ސަރަޙައްދުތަކާއި ލިފްޓުތަކުގެ މަރާމާތާ ގުޅޭ ޝަކުވާތައް ވެސް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ.

ހައްލުނުކުރެވި ހުރި މައްސަލަތަކަށް ވީއެންމެ އަވަހަކަށް ހައްލެއް ހޯދައިދިނުމަށާއި، ކުރިއަށް ހުށަހެޅޭ ޝަކުވާތަކަށް ވެސް އަވަސް ނަތީޖާއެއް ނެރެދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެފްޑީސީން ވަނީ ދީފައެވެ.

ހުޅުމާލޭ ފޭސް ދޭއްގައި އެފްޑީސީން ކުރިއަށްގެންދާ "އަމާން ދޯދި" އަދި "އަމާން އުދަރެސް" މަޝްރޫޢުގެ ދަށުން 32 ޓަވަރުގައި 4،000 ފްލެޓް ތަރައްޤީކޮށްފައިވެއެވެ.

ގަވާއިދުން ކުލި ނުދައްކާތީ އަމާން ޓަވަރުތަކުގެ ދެ ފްލެޓެއްގެ އެއްބަސްވުން ބާތިލްކޮށް، އެ ދެ ފްލެޓް ހުސްކުރަން މި މަހުގެ 14 ވަނަ ދުވަހު އެފްޑީސީން އަންގާފައިވެއެވެ. ނަމަވެސް ރަސްމީ ނޯޓިސް ލިބުމާ ގުޅިގެން އެ ދެ ފްލެޓަށް ކުލި ދައްކަން ފަށާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ފަހުން ހާމަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު