ރަސްމާލޭގައި ތަރައްގީކުރާ މަޝްރޫޢުގެ ދަށުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 500 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަށް ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުން މުރާޖާކޮށްދިނުމަށް އެދި، އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި މައްސަލައަކީ ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން، އެ އެއްބަސްވުމަކީ ގާނޫނުއަސާސީއާ ހިލާފު އެއްބަސްވުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅުއްވި މައްސަލައެކެވެ.
އަލީ ހުސައިން އިއްޔެ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޖިސްޓްރާގެ ނިންމުމާ މެދު ހިތްހަމަނުޖެހޭތީ، އެ ނިންމުން އަލުން ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ. ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން، އެ މައްސަލައަކީ ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނެ ބާވަތުގެ މައްސަލައެއް ނޫން ކަމަށް ބުނެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ.
ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން، ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނީ ގައުމު ދުސްތޫރީ ހުސްކަމަކަށް ގޮސްދާނެ ނުވަތަ ނިޒާމުން ބޭރުވެދާނެ ފަދަ މައްސަލަތަކާއި ގާނޫނުއަސާސީ މާނަކުރުމާ ގުޅޭގޮތުން ދައުލަތުގެ ދެ މުއައްސަސާއެއް ނުވަތަ ދެ ބާރެއްގެ ދެމެދުގައި އުފެދޭ ޚިލާފުތަކުގެ އިތުރުން ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލަތަކެވެ.
ރަޖިސްޓްރާގެ މިފަދަ ނިންމުންތައް މުރާޖާކޮށްދިނުމަށް އެދި 14 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮވެއެވެ. އަލީ ހުސައިން މައްސަލަ ހުށަހެޅުއްވީ އެ މުއްދަތު ހަމަނުވަނީހެވެ.
މައްސަލަ ބަލައިނުގަންނަން ނިންމުމުން މިދިޔަ ހަފުތާގައި އަލީ ހުސައިން ވިދާޅުވީ، އެ ގޮތަށް ނިންމީ ސުޕްރީމް ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވުމުން ކަމަށެވެ. އަދި ރަޖިސްޓްރާގެ ނިންމުން ގޯސް ކަމަށާއި، އެ މައްސަލައިގައި ގޮތެއް ނިންމަން ޖެހޭނީ އެ ކޯޓުގެ ބެންޗުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަލީ ހުސައިން ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވަނީ، ދައުލަތަށް އެއްވެސް އެކުއިޒިޝަން ކޮސްޓެއް އަދި ކުއްޔެއްވެސް ނުދައްކާ ގޮތަށް، 99 އަހަރުގެ ދިގު މުއްދަތަކަށް ބޭރުގެ ކުންފުންޏަކަށް މިހާ ބޮޑު ބިމެއް ދޫކޮށްލުމަކީ ދައުލަތުގެ އިގްތިސާދީ މަސްލަހަތަށާއި ސިޔާދަތަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
ގާނޫނުއަސާސީގެ 251 ވަނަ މާއްދާގައި ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން ކުއްޔަށް ދިނުމުގައި އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، މި އެއްބަސްވުމުގެ ދަށުން ތިންވަނަ ފަރާތްތަކަށް ޖެހިޖެހިގެން ހައްގުތައް ދެވޭ ގޮތަށް އޮތުމުން، ވަކި ނިމޭނެ ތާރީހެއް ނެތި ދާއިމީ ގޮތެއްގައި ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމުގެ ހައްގުތައް ލިބިގެންދާން މަގުފަހިވާ ކަމަށް ވެސް މައްސަލައިގައިވެއެވެ.
އަދި ޝަރީއަތުން މި މައްސަލައިގައި ގޮތެއް ނިންމައި ހުކުމެއް ކުރުމާ ހަމައަށް، އެ އެއްބަސްވުމަށް އަމަލުކުރުން ވަގުތީ ގޮތުން ފަސްކުރުމުގެ އަމުރެއް ނެރެދިނުމަށް ވެސް ސުޕްރީމް ކޯޓުގައި ވަނީ އެދިފައެވެ.
ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސްއާ ދެމެދު ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ މަހެވެ. ވިހި ބިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓުގެ ދަށުން ހޮޓާތަކާއި، މަރީނާއެއްގެ އިތުރުން ވިޔަފާރިކުރާނެ ތަންތަން ހިމެނޭނެއެވެ.






