ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިޔާސީ ދާއިރާއިން ކުރައްވާ މަސައްކަތްތަކާއި ބައިނަލްއަޤްވާމީ މައިދާނުގައި ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓެއް މިއަދު އަރުވައިފިއެވެ.
މި ޝަރަފު ރައީސަށް އަރުވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް އެމަނިކުފާނު އެ ގައުމަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ރައީސަށް މި އޮނަރަރީ ޑޮކްޓަރޭޓް އެރުއްވީ، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުގެ ނައިބު ރައީސް ޕްރޮފެސަރ ޑރ. ނަދީމް އަޙްމަދު ޝެއިޚެވެ.
މި ޝަރަފު ރައީސަށް އަރުވާފައިވަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށް އެމަނިކުފާނު ވެދެއްވާފައިވާ އަގުހުރި ހިއްސާއާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރެއްވުމުގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، އެކި ދާއިރާތަކުން ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
އެ ޝަރަފާ ހަވާލުވެވަޑައިގެން ރައީސް މުޢިއްޒު ވިދާޅުވީ، ޕާކިސްތާނުގެ އިސްލާމިކް ޔުނިވަރސިޓީން އެ ޝަރަފު އެމަނިކުފާނަށް އެރުވުމަކީ ލިބުނު ޝަރަފެއް ކަމަށެވެ.
މިއީ ރައީސް މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓެއް އެރުވުނު ދެވަނަ ފަހަރެވެ. މިދިޔަ އަހަރު އެމަނިކުފާނު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން ވަނީ އިސްލާމިކް ލީޑަރޝިޕާއި މަދަނީ ތަރައްޤީގެ ދާއިރާއިން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓެއް އަރުވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން 20 އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި ދަތުރުފުޅަކީ 2015 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަށް ފަހު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ދަތުރުފުޅެކެވެ.






