ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް 200 މިލިއަން ޑޮލަރަށް އިތުރުކުރަން އަމާޒު ހިފާފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ބޭފުޅުން އިސްލާމްއާބާދުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.
މިހާރު ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރަކީ 13.9 މިލިއަން ޑޮލަރެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ އެކުވެރިކަމާ އަޅާބަލާއިރު، މިއީ އެކަށީގެންވާ ވަރަށްވުރެ ކުޑަ މިންވަރެއް ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
"ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށާއި އެމްއޯޔޫތައް ތަންފީޒުކުރުން އަވަސްކުރުމަށް މަސައްކަތްކުރާނަން. ރާއްޖެއިން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށް ވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" ބޮޑުވަޒީރު ޝެހްބާޒް ވިދާޅުވިއެވެ.
ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު 20 އެއްބަސްވުން ތަންފީޒުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމުގެ ޔަޤީންކަން ވެސް ބޮޑުވަޒީރު ދެއްވިއެވެ.
ރާއްޖޭގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ޒައިތޫނި ގަހުގެ 100،000 ކަޓިންގްސް އާއި 100،000 ގަހުގެ އޮށް ހަދިޔާކުރަން ޕާކިސްތާނުން ނިންމާފައިވާ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.
ޕާކިސްތާނުން މެޑިސިން ހަދައިގެން 250 އަށްވުރެ ގިނަ ދިވެހި ޑޮކްޓަރުން ރާއްޖޭގެ ސިއްޙީ ނިޒާމުގައި ޚިދުމަތްކުރަމުން ގެންދާކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. ކުރިމަގުގައި ވެސް ދިވެހިންނަށް ތަމްރީނާއި މަތީ ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ޕާކިސްތާނުގެ ފުރިހަމަ ތާއީދު އޮތްކަން ވެސް ބޮޑުވަޒީރު ތަކުރާރުކުރެއްވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ދަތުރުފުޅެކެވެ.






