މިދިޔަ މަހު 15 ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޖިންސީ ގޯނާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ 12 އަންހެން ކުއްޖަކާއި 3 ފިރިހެން ކުއްޖަކަށް ކުރި ގޯނާގެ މައްސަލަތަކެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ޖިސްމާނީ އަނިޔާކުރުމުގެ 29 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި 15 ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލަ ހިމެނެއެވެ. އަދި ކުޑަކުދިންނަށް ނަފްސާނީ އަނިޔާކުރުމުގެ 8 މައްސަލައާއި، ބުލީކުރުމުގެ 5 މައްސަލައާއި، ކުއްޖަކު ބްލެކްމެއިލްކުރި 1 މައްސަލަ ވެސް މިދިޔަ މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވެއެވެ.
ކުޑަކުދިންނަށް އަޅާނުލުމުގެ 16 މައްސަލައާއި، ގެވެށި އަނިޔާ ކުއްޖަކަށް ފެނުމުގެ 12 މައްސަލަ ވެސް ރިޕޯޓުކޮށްފައިވެއެވެ. ކުދިންގެ އަޚްލާޤާ ގުޅުންހުރި 16 މައްސަލަ ވެސް ވަނީ ހުށަހަޅާފައެވެ.
ބޮޑެތި މީހުންނާ ގުޅޭ މައްސަލަތަކުގެ ތެރޭގައި ރޭޕްކުރުމުގެ 1 މައްސަލައާއި، އަނބިމީހާ ރޭޕްކުރި 1 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ބޮޑެތި މީހުންނަށް ޖިންސީ ގޯނާކުރި 2 މައްސަލައާއި، ޖިންސީ ފުރައްސާރައިގެ 1 މައްސަލައާއި، ބްލެކްމެއިލްކުރުމުގެ 1 މައްސަލަ ވެސް ރިޕޯޓުކޮށްފައިވެއެވެ. ބޮޑެތި މީހުންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރުމުގެ ޖުމްލަ 41 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ވުޒާރާއިން ބުނެއެވެ.
މިދިޔަ މަހުގެ ތެރޭގައި ހެލްޕްލައިން "1412" އަށް 1,662 ކޯލު ލިބިފައިވާއިރު، އޭގެ ތެރޭގައި 760 ކުޑަކުދިންނާއި 617 ބޮޑެތި މީހުން ހިމެނެއެވެ. އަދި "1421" އަށް 511 ކޯލު ލިބިފައިވާއިރު، އޭގެ ތެރޭގައި 254 ކުޑަކުދިންނާއި 167 ބޮޑެތި މީހުން ހިމެނެއެވެ.
މިފަދަ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުން އަންނައިރު، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، އަނިޔާކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ވުޒާރާއިން ބުނެއެވެ. އަދި އަނިޔާގެ އެއްވެސް އަމަލެއް ފެނިއްޖެނަމަ ލަސްނުކޮށް ރިޕޯޓުކުރުމަށް ވެސް އެދެއެވެ.






