Wednesday, October 21
ރާއްޖެއާއި ޕާކިސްތާނާ ދެމެދު 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުން ހިމެނޭހެން 20 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ޕާކިސްތާނަށް ފެއްޓެވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކާއި ފަހުމުނާމާތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރުމަށް ވެވުނު އެއްބަސްވުމެވެ. މީގެ އިތުރުން ސިއްޙީ ދާއިރާ، މަތީ ތަޢުލީމާއި ދިރާސާ، ދިފާއީ ދާއިރާ، މާލީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ. އަދި ދެ ގައުމުގެ މަޖިލިސްތަކުގެ ގުޅުމާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، މީޑިއާގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތައް ވެސް ހިމެނެއެވެ.

ރާއްޖޭގައި މެޑިކަލް ސްކޫލެއް އިމާރާތްކުރުމާއި، މަސްތުވާތަކެތި ސްމަގްލްކުރުމާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުންތައް ވެސް މިއިން ހިމެނެއެވެ.

ދިވެހި ސަރުކާރާއި ޕާކިސްތާނުގެ ސަރުކާރާ ދެމެދު ބަދަލުކުރި އިތުރު އެއްބަސްވުންތަކުގެ ތެރޭގައި ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރު، ސަގާފަތާއި ތަރިކައާއި ފަންނު، ތިމާވެށި، ދަނޑުވެރިކަން، މެރިޓައިމް ސެކިއުރިޓީ، އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ސައިބަރ ސެކިއުރިޓީ އާއި އާޓިފިޝަލް އިންޓެލިޖެންސް، އިޖުތިމާޢީ ރައްކާތެރިކަން، ސިއްޙީ ޚިދުމަތްތެރިން ގެނައުން އަދި މަސްވެރިކަމުގެ ދާއިރާތައް ހިމެނެއެވެ.

އެއްބަސްވުންތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން އެއްބަސްވުންތައް ބަދަލުކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ދިފާއީ ވަޒީރު ހަސަން ރަޝީދު، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން، ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ގީލާ ޢަލީ، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް އަދި ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ތޯހާ ހިމެނިވަޑައިގަންނަވައެވެ.

މާދަމާގެ ނިޔަލަށް ރައީސް ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ 2015 ވަނަ އަހަރުގެ މެއި މަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ގައުމަށް ކުރެއްވި ދަތުރުފުޅަށް ފަހު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ދަތުރުފުޅެކެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު