ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޕާކިސްތާނުން މިއަދު ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ.
ރައީސަށް ރަސްމީކޮށް މަރުޙަބާ ދެންނެވީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އިތުރުން ޕާކިސްތާން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތު ފެށިގެން އައީ ރައީސްގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް ކިޔުމުންނެވެ. ދެ ޤައުމުގެ ޤައުމީ ސަލާމަށްފަހު، ޕާކިސްތާނުގެ ސިފައިން ވަނީ ރައީސަށް ގާޑް އޮފް އޮނަރެއް އަރުވާފައެވެ. ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ރަސްމިއްޔާތުގައި ބައިވެރިވި ޕާކިސްތާނުގެ ވަޒީރުންނާއި އިސްވެރިން ރައީސަށް ތަޢާރަފުކޮށްދެއްވާފައެވެ.
ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުމުގެ ރަމްޒެއްގެ ގޮތުގައި، ބޮޑުވަޒީރުގެ ގެކޮޅު ހުންނަ ސަރަޙައްދުގައި ގަސް އިންދުމުގެ ޙަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވައި، ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމަށް ފަހުމުނާމާތަކެއްގައި ސޮއިކުރާނެއެވެ. އޭގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްޙަތު، ތަޢުލީމު، ކްލައިމެޓް ޗޭންޖް، ފަތުރުވެރިކަން، ސިވިލް އޭވިއޭޝަން އަދި ދިފާޢީ އަދި އަސްކަރީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ.
މި މަހުގެ 22 ގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސްގެ ދެކަނބަލުން ޕާކިސްތާނަށް ވަޑައިގެންނެވީ އިއްޔެ ހަވީރުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، މި ދަތުރުފުޅަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި ދަތުރުފުޅު ކުރައްވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތުގައެވެ. ދެ ޤައުމުގެ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވުނީ 1966 ވަނަ އަހަރުގެ ޖުލައި 26 ގައެވެ.






