Wednesday, October 21
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު، ރައީސް މުޢިއްޒާ ބައްދަލުކުރައްވައިފި

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ސެނެޓަރ މުޙައްމަދު އިސްޙާޤު ދާރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވައިފިއެވެ.

އިސްޙާޤު ދާރު މިއަދު އިސްލާމްއާބާދުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފް ދެއްވި ދަޢުވަތަކަށް ރައީސް މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާއި، އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރްދާރީ އާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ފަރާތްޕުޅުން ރައީސަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ރައީސްގެ ދެކަނބަލުންނަށާއި ދިވެހި ވަފުދަށް ހޫނު މަރުޙަބާއެއް ވަނީ ދަންނަވާފައެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޕާކިސްތާނުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް އިސްޙާޤު ދާރު ވިދާޅުވިއެވެ. އަދި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އިތުރުން، ތަޢުލީމާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ފުޅާކުރުމަކީ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރިއަށްދާ "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް"ގައި ދިވެހި ވިޔަފާރިވެރިން ބައިވެރިވާތީ އެކަމަށް މަރުޙަބާ ވިދާޅުވެ، ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި ސީދާ ކުރެވޭ މުޢާމަލާތްތަކުގެ ޒަރީޢާއިން އިންވެސްޓްމަންޓްތައް އިތުރުވެ، ދެފަރާތަށް ފައިދާހުރި ނަތީޖާތަކެއް ފެނިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، އެމަނިކުފާނަށާއި ދިވެހި ވަފުދަށް ޕާކިސްތާނު ސަރުކާރުން ދެއްވި މެހުމާންދާރީއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ޕާކިސްތާނާއެކު އޮތް ގާތް ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް، ދެ ގައުމުގެ ރައްޔިތުންނަށް މަންފާ ލިބޭނެ އައު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް އެދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި، ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައި، މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު