Tuesday, October 20
ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާއަށް އަދަބު ކަނޑައެޅުން ފަސްކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ސާބިތުވި މައްސަލައިގައި، އޭނާއަށް އަދަބު ކަނޑައެޅުމަށް މިއަދު ބާއްވަން ތާވަލުކުރި އަޑުއެހުން، އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާތީ ފަސްކޮށްފިއެވެ.

މި އަޑުއެހުން ބާއްވަން ތާވަލުކޮށްފައި އޮތީ މިއަދު ހެނދުނު 10:00 ގައި ކްރިމިނަލް ކޯޓުގައެވެ. އަޑުއެހުން ފަސްކޮށްފައިވަނީ ދީނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ، އޭނާ ކޯޓަށް ހާޒިރުކުރެވޭނެ ހާލަތެއް ނެތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކްރިމިނަލް ކޯޓަށް އެންގުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން މަޢުލޫމާތު ދިން ގޮތުގައި، ދީނާއަށް އަދަބު ކަނޑައެޅުމުގެ އަޑުއެހުން ދެން ބާއްވާނީ އޭނާ ހޮސްޕިޓަލުން ދޫކޮށްލުމުންނެވެ.

ދީނާގެ މައްޗަށް ދައުލަތުން އުފުލި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ މި މަހުގެ 12 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ. އެ ދުވަހު، ހުކުމް އިއްވުމާ ހަމައަށް ދީނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރިއެވެ. ދީނާގެ މައްޗަށް ސާބިތުވި ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.

މި މައްސަލައަކީ 2019 ވަނަ އަހަރު ބްލޭޒަން އިންކް ކުންފުންޏާ ފެނަކައިން ވި އެއްބަސްވުމެއްގެ ދަށުން، އެ ކުންފުނިން މަސައްކަތް ފުރިހަމަކުރިކަން ކަށަވަރު ނުކޮށް ފައިސާ ދޫކުރި މައްސަލައެކެވެ. އެ މައްސަލައާ ގުޅިގެން ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ސަޢީދުގެ މައްޗަށް މީގެ އަހަރެއްހާ ދުވަސް ކުރިން ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.

ދީނާގެ ޝަރީއަތް ސިއްހީ ސަބަބުތަކާ ހުރެ މީގެ ކުރިން ވެސް ވަނީ ވަރަށް ލަސްވެފައެވެ. ސަޢީދުގެ މައްޗަށް ހުކުމް އިއްވި އިރު ވެސް ދީނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތުމުން، އޭރު އޭނާގެ މައްޗަށް ހުކުމް އިއްވޭ ގޮތެއް ނުވިއެވެ.

މީގެ އިތުރުން، 2018 ވަނަ އަހަރު ފެނަކައިގެ ބްރާންޗުތަކުގައި ސީސީޓީވީ ކެމެރާ އަދި ހެޑް އޮފީހުގައި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މައްސަލައިގައި ވެސް ދީނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވާއިރު، އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު