ގދ. ތިނަދޫ ސިޓީގައި ބަނގުރާ އުފައްދައި ވިޔަފާރިކުރާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރިހިކޮކާގެ / ގދ. ތިނަދޫ، މުޙައްމަދު އަފާޒު ބިން ޢަބްދުﷲ (21) ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހު، ތިނަދޫ ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުންނެވެ.
އެ އޮޕަރޭޝަންގައި އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ، ތިނަދޫގެ ފުލެޓެއް ބަލައިފާސްކުރިއިރު ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 20 ލީޓަރުގެ ތިން ހަމާއި 5 ލީޓަރުގެ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އަފާޒުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.






