Tuesday, October 20
ރައީސް ޑރ. މުޢިއްޒުގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ފުރާވަޑައިގެންފި

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެ ޤައުމަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ހިމެނޭ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ވަޑައިގެންނެވީ 2015 ވަނަ އަހަރު، އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ޕާކިސްތާނުގެ އެއާޕޯޓުގައި ރައީސަށް މަރުހަބާ ދަންނަވާނީ ވެސް ބޮޑުވަޒީރު ޝެހްބާޒް އެވެ. ޕާކިސްތާނުން ރައީސް މުއިއްޒުއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު އެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީ އާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އިތުރުން އެ ޤައުމުގެ އެހެން އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ބޮޑުވަޒީރު ޝަރީފާއެކު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި 12 ވަރަކަށް އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްޙަތު، ތަޢުލީމު، މޫސުމަށް އަންނަ ބަދަލުތައް، ފަތުރުވެރިކަން، މަދަނީ އުދުހުން އަދި ދިފާއީ އަދި އަސްކަރީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ. ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމުގެ އެއްބަސްވުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން، ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގައި 300 އެއްހާ ބައިވެރިންނާއެކު ބިޒްނަސް ފޯރަމެއް ވެސް ބާއްވާނެއެވެ.

މި ދަތުރުފުޅު ކުރައްވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތުގައެވެ. ދެ ޤައުމުގެ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރީ 26 ޖުލައި 1966 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު