މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އަސްކަރީ ތަމްރީނުތަކެއް މާދަމާ ހެނދުނު ހުޅުމާލޭގައި ބާއްވާނެ ކަމަށް ޑިފެންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ޑިފެންސް މިނިސްޓްރީން ގެޒެޓުގައި ޝާއިއުކުރި އިއުލާނުގައި ވަނީ، މާދަމާ ފަތިހު 05:00 އިން ހެނދުނު 09:00 އަށް ހުޅުމާލޭގައި އެމްއެންޑީއެފްގެ ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ތަމްރީނުތަކުގައި ސިފައިން ޔުނިފޯމުގައި ހަރަކާތްތެރިވާއިރު، އެއްވެސް ބާވަތެއްގެ ހަތިޔާރެއް ބޭނުންނުކުރާނެ ކަމަށްވެސް އިއުލާނުގައިވެއެވެ.
ތަމްރީނުތަކާ ގުޅޭ އިތުރު ތަފުސީލެއް އިއުލާނުގައި ހާމަކޮށްފައިނުވެއެވެ. މިފަދަ ތަމްރީނުތައް ދޭތެރެ ދޭތެރެއިން މާލެ ސަރަހައްދުގައާއި އައްޑޫ ސިޓީގައިވެސް ކުރިއަށްގެންދެއެވެ.
އެމްއެންޑީއެފާ އަލަށް ގުޅޭއިރު އަސާސީ ތަމްރީނު ކޯހެއް ފުރިހަމަކުރަން ޖެހެއެވެ. އެ ތަމްރީނުތައް މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ޅ. މާފިލާފުށީގައި ހުންނަ "ދަ ބޭސިކް ސްކޫލް" އާއި ކ. ގިރިފުށީ ޓްރޭނިންގ ސެންޓަރުގައެވެ.
ނަމަވެސް، ސިފައިންގެ ގާބިލުކަން އިތުރުކުރުމާއި، ޤައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައި، ރާއްޖޭގައާއި ރާއްޖެއިން ބޭރުގައި ބާއްވާ ތަމްރީނުތައް ހިމެނޭ ގޮތަށް އިތުރު ތަމްރީނުތައްވެސް އެމްއެންޑީއެފުން ދޭތެރެއަކުން ބާއްވައެވެ.






