ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާގައި ހުށަހެޅުނު ސްކޭމްގެ މައްސަލަތަކުގައި 3.8 ލައްކައަށް ވުރެ ގިނަ ރުފިޔާ އާންމުންގެ އަތުން ވަނީ ގެއްލިފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި މިދިޔަ ހަފްތާގައި ސްކޭމްގެ ޖުމްލަ 38 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އަދި މި މައްސަލަތަކުގައި ޖުމްލަ 387,881.10 ރުފިޔާ ވަނީ ގެއްލިފައެވެ. ނަމަވެސް، ކަމާގުޅޭ މުއައްސަސާތަކާއި ބޭންކުތަކުގެ އެއްބާރުލުމާއެކު، އޭގެ ތެރެއިން 208,708.20 ރުފިޔާ ވަނީ އަނބުރާ ހޯދައިދެވިފައެވެ.
މި މުއްދަތުގައި އެންމެ ގިނައިން ހުށަހެޅިފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ މައްސަލަތަކެވެ. އޭގެ ތެރޭގައި އީ-ކޮމާސްގެ 16 މައްސަލައާއި ބޭރު ފައިސާ މާރުކުރުމާ ގުޅޭ 10 މައްސަލައާއި ބުކިންގ ކެންސަލް/ރިފަންޑާ ގުޅޭ 5 މައްސަލައާއި އިންވެސްޓްމަންޓް ސްކޭމްގެ 2 މައްސަލައިގެ އިތުރުން އެހެނިހެން ސްކޭމްތަކުގެ 5 މައްސަލައެއް ހިމެނެއެވެ.
މި ހިނގާ އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ހަފްތާގައި ސްކޭމްގެ 40 މައްސަލައެއްގައި 306,208.28 ރުފިޔާ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެހެންކަމުން މިދިޔަ ހަފްތާގައި ސްކޭމްގެ އެކި މައްސަލަތަކުގައި 81,672.82 ރުފިޔާ އިތުރަށް ގެއްލިފައިވެއެވެ.
ފުލުހުން ވިދާޅުވެފައިވާ ގޮތުގައި އެފަދަ އޮޅުވާލުންތައް އާންމުކޮށް ހިންގާފައި ވަނީ ސޯޝަލް މީޑިއާގެ އެކި މަންސަތަކާއި މުވާސަލާތީ މަންސަތައް ބޭނުންކޮށްގެންނެވެ. އެގޮތުން ފޭސްބުކް މާކެޓްޕްލޭސް، ވައިބާގެ އިތުރުން ފޯނު ކޯލްތަކާއި ޓެލެގްރާމް އާއި ވަޓްސްއެޕާއި އިންސްޓަގްރާމްގެ އިތުރުން ޓިކްޓޮކް އަދި ފިޝިން ލިންކު މެދުވެރިކޮށް ވެސް ސްކޭމް ހިންގާފައިވެއެވެ.
ފުލުހުން ވަނީ އޮންލައިންކޮށް ފެންނަ ކޮންމެ އިޝްތިހާރަކީ ނުވަތަ ލިބޭ މެސެޖާއި ކޯލަކީ ތެދު މައުލޫމާތުތޯ ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އޯޓީޕީ، ޕާސްވޯޑް، ނުވަތަ ބޭންކިން މައުލޫމާތު އެއްވެސް މީހަކަށް ހިއްސާނުކުރުމަށް ވެސް ފުލުހުން އެދިފައިވެއެވެ.
ފުލުހުންގެ ކޮމިޝަނަރު އަޙްމަދު މުޙައްމަދު އިއްޔެ ވިދާޅުވެފައިވަނީ، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާ އަޅާބަލާއިރު މި އަހަރު އޮންލައިން ކުށްތައް ދެ ގުނަ އިތުރުވެފައިވާ ކަމަށެވެ. މިހާތަނަށް މި އަހަރު ހުށަހެޅި އޮންލައިން ކުށްތަކާ ގުޅޭ މައްސަލަތަކުގެ ތެރެއިން 68 އިންސައްތައަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ ކުށްތައް ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވިއެވެ.






