ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ސުނާމީ ބިނާއިން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް އޮތް ސަރަހައްދު މިރޭ ދަންވަރު 12:00 އިން ފެށިގެން އާންމު ދަތުރުފަތުރަށް ބަންދުކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މި ސަރަހައްދު ބަންދުކުރަނީ ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމުގެ މަސައްކަތްތަކަށްޓަކައި ކަމަށެވެ. މަގު ބަންދުކުރުމުގެ ކުރިން، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ހުރިހާ އުޅަނދުތަކެއް ނަގައި މަގު ހުސްކުރަން ޖެހޭނެ ކަމަށްވެސް ފުލުހުން ވަނީ އަންގާފައެވެ. ބަންދުވާ ސަރަހައްދު އަންގައިދޭ ޗާޓެއްވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.
މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި، އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މި ބަދަލުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށާއި އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރުވެސް ދަންނަވާފައެވެ.
ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ، މާލޭގެ އުތުރު ފަރާތުގައި އޮންނަ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރުއަޅައިގެން ދަތުރުފަތުރު ކުރުމަށާއި ހިނގާބިނގާވެ އުޅުމަށް ޒަމާނީ ފަސޭހަތަކެއް ގެނެސްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެންމެފަހުން ތަރައްޤީކޮށް ނިންމާފައިވަނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮތް ސަރަހައްދެވެ.






