ހދ. ކުޅުދުއްފުށި ސިޓީގެ ޖެޓީ ބޮޑުކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ކޮންކްރީޓް މަސައްކަތާއި ތަނބުތަކުގެ މަސައްކަތްތައް މިހާރު ސައިޓުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫޢަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށްޓަކައި 2023 ވަނަ އަހަރުގެ މާޗް މަހު އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. 12.10 މިލިއަން ރުފިޔާގެ މި މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 250 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން 1,531 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރުގެ ފަޅު ފުންކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން ބަނދަރުގައި ހުރި ލަކުޑި ޖެޓީތައް ފުޅާކުރުމާއި، ޖެޓީތަކުގެ ދެމެދުގައި ލަކުޑި ޕްލެޓްފޯމްތައް ބެހެއްޓުމާއި، ބަނދަރުގެ އެއްގަމުތޮށި މަރާމާތުކުރުމާއި، ފްލޯޓިންގ ޖެޓީގެ ސްޕަން ޕައިލް ދިގުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ބަނދަރަށް ލަފާ ފުރުމުގެ ދަތިކަން ހައްލުވެ، ރަށުގެ އިޤްތިޞާދަށް ބޭނުންވާ ތަރައްޤީ ލިބިގެންދާނެ ކަމަށް އެމްޓީސީސީން ގަބޫލުކުރާ ކަމަށްވެސް ބުނެފައިވެއެވެ.
އެމްޓީސީސީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގުހެދުމާއި، އެއާޕޯޓުތައް ތަރައްޤީކުރުމާއި، ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.






