Monday, October 19
ގަރާރަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން، އެ ގަރާރެއް މަޖިލީހަށް ބަލައިގަތުމާމެދު ވޯޓަށް އަހާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާއަށް މި އިސްލާހު ހުށަހެޅުއްވީ، އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އެ އިސްލާހު ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވަނީ މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުއްވައިފައެވެ.

ގަވާއިދުގެ 191 ވަނަ މާއްދާގައި މިހާރު އޮންނަނީ، ގަރާރުތަކުގެ މައްޗަށް ހިނގާނީ އާންމު ގޮތެއްގައި ބިލުތަކުގެ މައްޗަށް ހިނގާ އުސޫލު ކަމަށެވެ. ނަމަވެސް މަޖިލީހުން ގަރާރެއް ފާސްވުމުން، ބިލު ތަސްދީގުކުރަން ފޮނުވާ އުސޫލުން ގަރާރު ތަސްދީގުކުރަން ފޮނުވަން ނުޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

އެގޮތުން މިހާތަނަށް ގަރާރުތަކާމެދު އަމަލުކުރަމުން އައީ، ގަރާރުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު އިބްތިދާއީ ބަހުސް ކުރިއަށްގެންދާ ގޮތަށެވެ. އެއަށްފަހު މަޖިލީހަށް ގަރާރު ބަލައިގަތުމާމެދު ވޯޓަށް އަހައި، ދިރާސާކުރުމަށް ކަމާބެހޭ ކޮމިޓީއަކަށް ފޮނުވަމުންނެވެ.

ނަމަވެސް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، މަޖިލީހަށް ގަރާރު ބަލައިގަތުމާމެދު ވޯޓަށް އަހާނީ ގަރާރުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ކަމަށެވެ. ގަރާރު ބަލައިގަތުމަށް ފާސްނުވެއްޖެނަމަ، އެ ގަރާރު ބާތިލުވާނެ ކަމަށާއި، އޭގެ މައްޗަށް އިތުރު ބަހުސެއް ނޯންނާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ. ގަރާރު ބަލައިގަތުމަށް ފާސްވެއްޖެނަމަ، އިބްތިދާއީ ބަހުސްކުރުމަށްފަހު އެ ގަރާރު ފޮނުވާނީ އެ ގަރާރާ ގުޅޭ ކޮމިޓީއަށް ކަމަށް އިސްލާހުގައިވެއެވެ.

މި އިސްލާހު ފާސްވެއްޖެނަމަ، ކުއްލި މައްސަލަތަކާ އެއްގޮތަށް، މަޖިލީހަށް ހުށަހަޅާ ގަރާރަކަށް ބަހުސްކުރަން މަޖިލީހުގައި އެއިރަކު މެޖޯރިޓީ އޮންނަ ފަރާތަކުން ބޭނުން ނުވާނަމަ، ބަހުސަކާ ނުލައި ގަރާރު މަޖިލިސް ތަޅުމުން ބޭރުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މަޖިލީހުގެ ގަވާއިދަށް މި ބަދަލު ގެނެވޭނީ، އާންމު ކޮމިޓީން އިސްލާހު ދިރާސާކޮށް ނިންމުމަށްފަހު، މަޖިލިސް ތަޅުމުން ފާސްކުރުމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު