ހުޅުމާލޭގެ މަގުތަކުގައި ހިނގާ އެކްސިޑެންޓުތައް މަދުކޮށް، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބައެއް މަގުތަކުގައި އައު ސްޕީޑް ބްރޭކަރު (ބަންޕަރު) ހަރުކޮށް، ކުރިން ހުރި ބަންޕަރުތައް ބަދަލުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެޗްޑީސީން ބުނީ، މި މަސައްކަތް ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ލަފައާއި އިރުޝާދުގެ ދަށުން ކަމަށެވެ. އެގޮތުން މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ބަންޕަރުތައް އަޅަމުން ދަނީ، ހުޅުމާލޭގައި އެންމެ ގިނައިން އެކްސިޑެންޓު ހިނގާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ފާހަގަކުރެވިފައިވާ ސަރަޙައްދުތަކުގައެވެ.
މި މަޝްރޫޢުގެ ދަށުން ބަންޕަރު އެޅުމުގެ އިތުރުން، މަގުމަތީގެ މުހިންމު ނިޝާންތައް ހަރުކުރުމަށް ވެސް ހަމަޖެހިފައިވެއެވެ. މިފަހަރު އަޅަމުން ދަނީ ހުޅުމާލޭގެ މަގުތައް ފުރަތަމަ ހެދިއިރު ބޭނުންކުރި ޑިޒައިންގެ ތާރު ބަންޕަރުތަކެކެވެ.
މީގެ ކުރިން ހުޅުމާލޭގައި ހަރުކުރި ރަބަރު ބަންޕަރުތަކުގެ ސަބަބުން އެކްސިޑެންޓުތައް 70 އިންސައްތައާއި 80 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. ނަމަވެސް، އެ ބަންޕަރުތަކުގެ ޑިޒައިނާއި މެޓީރިއަލާ ގުޅޭގޮތުން ޢާންމުންގެ ޝަކުވާތަކެއް ހުރުމުން، ފަހުން އެ ތަކެތި ވަނީ ނަގާފައެވެ.
އެޗްޑީސީން ބުނީ، މި ބަދަލުތަކުގެ މައިގަނޑު މަޤްޞަދަކީ ދުއްވާ މީހުންނާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުން ކަމަށެވެ.
މީގެ އިތުރުން، ބާރުދުވެލީގައި އަދި ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ. އަދި މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން، ޓްރެފިކް ޤަވާޢިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ފިޔަވަޅު އެޅުމަށް ފުލުހުން ތައްޔާރުވެފައިވެއެވެ.






