ހުޅުމާލޭގައި ހިންގާ ކެފޭތަކަށް އަމާޒުކޮށްގެން ޓާސްކްފޯހުން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، މި އޮޕަރޭޝަންގެ ތެރެއިން އެ ތަންތަނުގައި މަސައްކަތްކުރަމުންދިޔަ ޖުމްލަ 22 ބިދޭސީއެއްގެ ވިސާ އަދި ލިޔެކިޔުންތައް ޗެކުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން ތިން މީހަކީ އެއްވެސް ޤާނޫނީ ހުއްދައެއް ނެތި، ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ މީހުންކަން ކަށަވަރުވުމާ ގުޅިގެން، އެ ތިން މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މި އޮޕަރޭޝަނަކީ ޤަވާއިދާ ޚިލާފަށް ބިދޭސީން ލައްވައި މަސައްކަތްކުރުވާ ފަރާތްތަކާއި، އެފަދަ ފަރާތްތަކަށް ހިޔާވަހިކަން ފޯރުކޮށްދޭ ކަމަށް ތުހުމަތުކުރެވޭ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި ޚާއްޞަ ރޭޑްތަކެކެވެ.
އިމިގްރޭޝަނުން ބުނީ، މިގޮތަށް ބެލުމުގެ ދަށަށް ގެނެވޭ ބިދޭސީން ޑިޓެންޝަން ސެންޓަރުގައި ބޭތިއްބުމަށްފަހު، އެމީހުން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށެވެ.
ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސިލްސިލާ އޮޕަރޭޝަންތަކެއް މާލެ ސަރަހައްދުގައި ހިންގާފައެވެ.
ބިދޭސީންގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ފަށާފައިވާ "ކުރަނގި" އޮޕަރޭޝަންގެ ދަށުން މިހާތަނަށް 294،000 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. އަދި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު، މިހާތަނަށް ޤަވާއިދާ ޚިލާފަށް އުޅުނު 12،552 ބިދޭސީން ވަނީ ރާއްޖެއިން ޑީޕޯޓުކޮށްފައެވެ.






