Monday, October 19
ރައީސްގެ ޕާކިސްތާން ދަތުރުފުޅުގައި ޚާއްޞަ ބިޒްނަސް ފޯރަމެއް ބާއްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި ޚާއްޞަ ބިޒްނަސް ފޯރަމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅުގެ ތެރެއިން "ޕާކިސްތާން-މޯލްޑިވްސް ބިޒްނަސް ފޯރަމް" ގެ ނަމުގައި ބާއްވާ ފޯރަމްގެ މައިގަނޑު ބޭނުމަކީ، ދެ ޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އައު ފުރުސަތުތައް ހޯދައި ފަހިކޮށްދިނުން ކަމަށެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، އެ ފޯރަމްގައި އެކި ދާއިރާތަކުން 300 ބައިވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށްފަހު، ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ މި ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރައްވަނީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށެވެ. އެންމެ ފަހުން ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ވަޑައިގަތީ 2015 ވަނަ އަހަރު، އޭރުގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެވެ.

އިސްލާމްއާބާދުގައި ކުރިއަށްދާ މި ދަތުރުފުޅުގައި، ރައީސް މުޢިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އެ ޤައުމުގެ ރައީސް އާސިފް ޢަލީ ޒަރުދާރީއާ ވަކިވަކިން ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. މި މަޝްވަރާތަކުގައި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގެ އިތުރުން، ސިއްޙަތު، ތަޢުލީމު، ފަތުރުވެރިކަން، ދަނޑުވެރިކަން، ދިފާޢީ ދާއިރާ އަދި ކަނޑުގެ ސަލާމަތާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދެކެވޭނެއެވެ. މީގެ އިތުރުން، އދ. އާއި އޯއައިސީ ފަދަ ބައިނަލްއަޤްވާމީ މައިދާންތަކުގައި އެއްބާރުލުން ދިނުމާއި، ސާކް ޖަމިއްޔާ އަލުން ހަރަކާތްތެރި ކުރުވުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން 12 ވަރަކަށް އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކުރުމަށް ވަނީ ތައްޔާރުވެފައެވެ. އޭގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމުގެ އެއްބަސްވުމާއި، ސިއްޙީ ދާއިރާއިން އެއްބާރުލުން ދިނުމާއި، މަތީ ތަޢުލީމާއި ދިރާސާ އަދި ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ. އަދި މާލީ ދާއިރާ، ޓެކްނޮލޮޖީ، މަޖިލިސްތަކުގެ މެދުގައި އޮންނަ ގުޅުން އަދި މީޑިއާގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ވެސް ސޮއިކުރުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި ސަރުކާރުގެ ވަޒީރުން ހިމެނޭ މަތީ ފަންތީގެ ވަފުދެއް ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅު ކުރައްވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު