ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާ ބެހޭ މުޢާހަދާގެ އިޚްތިޔާރީ ޕްރޮޓޮކޯލް "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީ" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
މި ރުހުން ދީފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 65 މެންބަރުންގެ ތެރެއިން ވޯޓުދެއްވި 64 މެންބަރުންގެ އިއްތިފާޤުންނެވެ.
މި ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މިދިޔަ 22 ސެޕްޓެމްބަރު 2026 ގައެވެ. އެކަމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ބައިނަލްއަޤުވާމީ މުޢާހަދާތަކުގައި ބައިވެރިވެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ކަމަށްވާތީއެވެ.
ރާއްޖެއިން "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް" ތަޞްދީޤުކޮށްފައިވަނީ 5 އެޕްރީލު 2010 ގައެވެ. ނަމަވެސް އޭގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި މިހާރުން ބައިވެރިވެފައެއް ނުވެއެވެ.
މި ޕްރޮޓޮކޯލަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރައްކާތެރިކޮށްދޭ ޙައްޤުތައް އިތުރަށް ހަރުދަނާކޮށް، މުޢާހަދާ ތަންފީޒުކުރުމުގައި މެންބަރު ޤައުމުތައް ޒިންމާދާރުކުރުމަށް އެކުލަވާލާފައިވާ އިޚްތިޔާރީ ޕްރޮޓޮކޯލެކެވެ. އޭގެ ދަށުން، ޤައުމުގެ އެތެރޭގެ ގާނޫނީ މަރުހަލާތައް ފުރިހަމަކޮށް ނިމުމަށްފަހު، ޙައްޤު ނިގުޅައިގަނެވިއްޖެ ހާލަތެއްގައި އދ. ގެ ކޮމިޓީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ.






