Monday, October 19
ލޮރީ ޑްރައިވަރުންނާ މިނިސްޓަރު ސަޢީދު ބައްދަލުކުރައްވައިފި

މާލެ ސަރަހައްދުގެ ބަނދަރުތަކުން މުދާ އުފުލާ ލޮރީ ޑްރައިވަރުންނާ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ބައްދަލުކުރައްވައި، މަގުތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިނިސްޓަރު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގެ އެއްގަމު ދަތުރުފަތުރުގެ ކަންކަން ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް މި ބައްދަލުވުން ބޭއްވީ ޑްރައިވަރުންގެ އެދުމުގެ މަތިން ކަމަށެވެ.

މި ބައްދަލުވުމުގައި މާލޭގެ މަގުތައް ބޭނުންކުރާ އާންމު ފަރާތްތަކާއި، ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންނަށް މަގުތަކަކީ އަމާން ތަނަކަށް ހެދުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، އެއްގަމު މަގުން މުދާ އުފުލުމުގައި ލޮރީ ޑްރައިވަރުންނަށް މިހާރު ދިމާވަމުންދާ ދަތިތަކާ ބެހޭގޮތުން ވެސް ވާހަކަދެކެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްވަރާތަކުގައި ޑްރައިވަރުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވައި، މިނިސްޓަރު ސަޢީދު ވަނީ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ، ސްކޫލް ގަޑިތަކުގައި މާލެ ސަރަހައްދުގައި މުދާ އުފުލާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުން ވުޒާރާއިން މަނާކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވުޒާރާއިން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން، ހެނދުނު 6:00 އިން 8:30 އަށް، 350 ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލަރ ފަދަ ބަރު އުޅަނދުތައް ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި، ހުޅުމާލޭގެ މަގުތަކުގެ އިތުރުން ބުރިޖާއި ހައިވޭގައި ދުއްވުން މަނާވާނެއެވެ. އަދި ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖާއި ހައިވޭގައި މިފަދަ އުޅަނދުތައް ދުއްވުން މަނާވާނެއެވެ.

މީގެ އިތުރުން، ސްކޫލް އޮންނަ ދުވަސްތަކުގައި ސްކޫލްތައް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި، ސްކޫލްތަކުގެ ސަރަހައްދުތަކުގައި މިފަދަ އެއްވެސް އުޅަނދެއް ދުއްވުމާއި އުޅަނދުތަކުގައި މުދާ އުފުލުމަކީ ވެސް މަނާކަމެއް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މަގުތަކުގެ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން އެއްގަމު ދަތުރުފަތުރާ ބެހޭ އައު ޤާނޫނެއް މިހާރު ވުޖޫދުކޮށްފައިވާއިރު، އެ ޤާނޫނުގެ ދަށުން މާލެ ސަރަހައްދަކީ ޚާއްޞަ ޒޯނެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި މި ސަރަހައްދުގެ މަގުތަކުގެ އަމާންކަން ކަށަވަރުކޮށް ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު