Saturday, October 31
ކޮމިޝަނަރ އޮފް ޕޮލިސް ޝުޖާއު ހއ.އަތޮޅަށް

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ހއ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ އަތޮޅަށް ވަޑައިގެންފިއެވެ.

ފުލުހުން ބުނީ ސީޕީ ޝުޖާއު މިއަދު ފެށްޓެވި ދަތުރުފުޅުގައި މިހާރު ހއ.އަތޮޅު ކައުންސިލާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އެ އަތޮޅުގެ ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އަދި އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

މި ބައްދަލުވުންތަކުގައި، ރަށްރަށުގެ ކުށުގެ ހާލަތު ބައްލަވައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ފުލުހުންނާ ގުޅިގެން ކުރެވެންހުރި ކަންކަމާ މެދު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ކުށްމަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރުމަށާއި ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މަހުގެ 7 ގެ ނިޔަލަށް ސީޕީ ކުރައްވާ މި ދަތުރުފުޅުގައި ދިއްދޫ، ކެލާ، އުތީމު، ބާރަށް، ފިއްލަދޫ، ތަކަންދޫ، މާރަންދޫ، ހޯރަފުށި، ތުރާކުނު، އުލިގަން އަދި އިހަވަންދުއަށް ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި ސީޕީގެ އަރިހުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ދާޢޫދު އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެވަޑައިގަންނަވައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު