Monday, October 19
ގާނޫނު ކިޔަވާ ދަރިވަރުން ހުށަހެޅި ޕެޓިޝަނަށް މަޖިލީހުގައި ބަހުސް ފަށައިފި

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "ކޮލިފައިން ލޯ ޑިގްރީ ޕްރޮގްރާމްތަކުގެ އެންމެ ދަށް މިންގަނޑުތައް" ބަޔާންކުރާ ގަވާއިދަށް ގެނައި އިސްލާހާ ގުޅިގެން، ގާނޫނީ ދާއިރާއިން ކިޔަވާ ދަރިވަރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނަށް މިއަދު މަޖިލީހުގައި ބަހުސް ފަށައިފިއެވެ.

ބާ ކައުންސިލުން ގަވާއިދަށް ގެނައި ދެވަނަ އިސްލާހުގެ ދަށުން، 1 ޖެނުއަރީ 2027 އިން ފެށިގެން ގާނޫނީ ދާއިރާގެ ޑިގްރީ ޕްރޮގްރާމްތަކުގެ ހުރިހާ އިމްތިހާނެއް ދަރިވަރުން ކިޔަވާ މަރުކަޒަށް ހާޒިރުވެގެން ހަދަން ލާޒިމުކޮށްފައިވެއެވެ. މި އުސޫލު ހިނގަނީ އިސްލާހު ގެނައުމުގެ ކުރިން ކޯސް ފަށާފައިވާ ދަރިވަރުންގެ މައްޗަށް ވެސް ހިމެނޭ ގޮތަށެވެ.

މި ޕެޓިޝަން ހުށަހަޅާފައިވަނީ ވިލާ ކޮލެޖާއި، އެވިޑް ކޮލެޖް އަދި ޒިކްރާ އިންޓަނޭޝަނަލް ކޮލެޖުގައި ގާނޫނީ ދާއިރާއިން ކިޔަވަމުން އަންނަ ދަރިވަރުންތަކެކެވެ. މަޖިލިސް ގަވާއިދުގައި ބުނާ "ތްރެޝްހޯލްޑް ދޭއް" ހަމަވާ މިންވަރަށް، 2129 މީހުން މި ޕެޓިޝަނުގައި ސޮއިކޮށްފައިވެއެވެ. ޕެޓިޝަނަށް ބަހުސްކުރުމަށް މަޖިލީހުގެ އާއްމު ކޮމިޓީން ކަނޑައަޅާފައިވަނީ އެއް ގަޑިއިރުގެ ވަގުތެވެ.

ޕެޓިޝަނުގައި ބުނެފައިވަނީ، ދަރިވަރުން ކޯހާ ގުޅުނީ އޮންލައިންކޮށް އިމްތިހާނު ދެވޭނެ ކަމުގެ ސައްހަ ހުއްދަ އޮތް ނިޒާމެއްގެ ތެރެއިން ކަމަށާއި، ކޯހުގެ މެދުތެރެއިން މިފަދަ އަސާސީ ޝަރުތެއް ބަދަލުކުރުމަކީ އިދާރީ ގާނޫނުން ދަރިވަރުންނަށް ލިބިދޭ "މަގުބޫލު އުންމީދުގެ ހައްގު" ގެއްލޭ ކަމެއް ކަމަށެވެ.

މި ބަދަލުގެ ސަބަބުން، ހާއްސަކޮށް އަތޮޅުތަކުގައި ދިރިއުޅޭ ދަރިވަރުންނާއި ވަޒީފާ އަދާކުރަމުން އާއިލީ ޒިންމާތައް އުފުލާ ދަރިވަރުންނަށް ދަތުރުފަތުރާއި މާލޭގައި ހުރުމުގެ ބޮޑު މާލީ އަދި ނަފްސާނީ ބުރައަކާ ކުރިމަތިލާން ޖެހޭނެ ކަމަށްވެސް ޕެޓިޝަނުގައިވެއެވެ. އެހެންކަމުން، އާ އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ލޯ ޑިގްރީ ޕްރޮގްރާމްތަކުގައި ރަޖިސްޓްރީވެ ކިޔަވަން ފަށާފައިވާ ހުރިހާ ދަރިވަރުން މި އިސްލާހުން އިސްތިސްނާކޮށްދިނުމަށް ދަރިވަރުން އެދިފައިވެއެވެ.

ބަހުސްގައި ވާހަކަދައްކަވަމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ، ގަވާއިދު ބަދަލުކުރުމުގެ އިޚްތިޔާރު ބާ ކައުންސިލަށް ލިބިގެންވި ނަމަވެސް، ކޯސް ކުރިއަށްދަނިކޮށް މެދުތެރެއިން ދަރިވަރުންގެ މަސްލަހަތު ގެއްލޭ ގޮތަށް އުސޫލު ބަދަލުކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

"ގާނޫނީ އާއްމު އުސޫލަކީ ވެސް އާއްމު ހަމަތަކަކީ ވެސް، ގާނޫނުތަކުގައި ވެސް ހަމަ ރެޓްރޮސްޕެކްޓިވްކޮށް އެޕްލައިއެއް ނުކުރޭ ގަވައިދުތަކުގައި ވެސް. ރަޖުއީކޮށް އެ ތަތުބީއުކުރެވިގެންދާ އުސޫލެއް ނޫން މި އޮންނަނީ،" ހުސްނީ ވިދާޅުވިއެވެ.

ހުސްނީ ވިދާޅުވީ، އައު އުސޫލުތައް ހިނގަންވާނީ ގަވާއިދު އިސްލާހުވި ފަހުން ފަށާ އައު ބެޗުތަކަށް ކަމަށާއި، މިހާރު ކިޔަވާ ދަރިވަރުންގެ ތެރޭގައި އެކި ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުންވެސް ގިނަ އަދަދަކަށް ހިމެނޭއިރު، އިމްތިހާނަށް މާލެ ދަތުރުކުރަން ޖެހުމަކީ އެ ދަރިވަރުންނަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ، ކިޔަވައިދޭ މަރުކަޒަކަށް އެއްވެސް ގޮތަކަށް ހާޒިރުނުވެ ޑިގްރީ ނުހެދޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)ގެ ގަވާއިދުގައި 2022 ވަނަ އަހަރު ހިމަނާފައިވާ ކަމަށެވެ. އެ އުސޫލު އޮއްވައި މުޅި ކޯސް އެއްކޮށް އޮންލައިންކޮށް ކުރިއަށް ގެންދާ ގޮތަށް ކޮލެޖަކުން ނިންމާނީ ކިހިނެއްތޯ ނާޒިލް ސުވާލު އުފެއްދެވިއެވެ.

ނާޒިލް ވިދާޅުވީ، މިހާރު ކިޔަވަމުންދާ ދަރިވަރުން މި އުސޫލުން އިސްތިސްނާކުރަން ފެނިވަޑައިނުގަންނަވާ ކަމަށާއި، އޭގެ ބަދަލުގައި އިމްތިހާނަށް ހާޒިރުވުމަށް އެ ދަރިވަރުންނަށް އެހީތެރިވެދެވިދާނެ ކަމަށެވެ. ނަމަވެސް، ކޯހުގެ މެދުތެރެއިން މިފަދަ ގަވާއިދެއް ބަދަލުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.

ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ، ދަރިވަރުންގެ މި ކަންބޮޑުވުންތަކަކީ ހައްލެއް ހޯދައިދޭން ޖެހޭ ކަންކަން ކަމަށާއި، ނަމަވެސް ރާއްޖޭގައި ގާނޫނީ ދާއިރާގެ އިލްމީ ފެންވަރު މަތިކޮށް ދާއިރާ ހަރުދަނާކުރުމަށް މިންގަނޑުތައް ކަނޑައެޅުމުގެ ފުރިހަމަ ގާނޫނީ ބާރު ބާ ކައުންސިލަށް ލިބިގެންވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު