ރާއްޖޭގެ 11 ރަށެއްގައި ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ ފެންވަރުގެ އައިސްޕްލާންޓު ގާއިމުކުރުމަށް، މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސް.ޑީ.އެން ބީ.އެޗް.ޑީ ކުންފުންޏާއެކު، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މާގިރި ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ވުޒާރާގެ ފަރާތުން ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.
މި މަޝްރޫޢުގެ ދަށުން އައިސްޕްލާންޓު ގާއިމުކުރުމަށް ހަމަޖެހިފައިވާ 11 ރަށަކީ، މ. މުލައް، ދ. ހުޅުދެލި، ހދ. ކުޅުދުއްފުށި، ގއ. ނިލަންދޫ، ގއ. ވިލިނގިލި، ގއ. މާމެންދޫ، ށ. ކޮމަންޑޫ، އއ. ރަސްދޫ، ހއ. ދިއްދޫ، ކ. ގާފަރު އަދި ގދ. ރަތަފަންދޫއެވެ.
ރަށްރަށުގައި މަސައްކަތް ކުރިއަށް ގެންދާނީ ފަރުމާކުރުމާއި، ބިނާކުރުމާއި، ތަކެތި ފޯރުކޮށްދިނުމުގެ (ޑިޒައިން، ބިލްޑް އެންޑް ސަޕްލައި) އުޞޫލުންނެވެ. މިގޮތުން، އައިސްޕްލާންޓު ފަރުމާކޮށް ޓެކްނިކަލް މަސައްކަތްތައް ވިލަރެސްކުރުމާއި، ރަށްރަށުގައި ހިންގުމަށް އެކަށީގެންވާ ޓިއުބް އައިސް ޕްލާންޓް އިކުއިޕްމަންޓް ފޯރުކޮށްދިނުން މި މަޝްރޫޢުގައި ހިމެނެއެވެ. އަދި ރާއްޖޭގެ ކަނޑުގެ މާޙައުލާ ގުޅޭގޮތަށް ލޮނުފެން ބޭނުންކޮށްގެން ފިނިކުރާ ނިޒާމެއް ހިމެނުމަށްވެސް ހަމަޖެހިފައިވާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން، އައިސްޕްލާންޓު ބިނާކުރުމާއި ހަރުކުރުމާއި، ޓެސްޓުކޮށް އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމުމާއި، ތަކެތި އެތެރެކޮށް ގެންދިއުމުގެ ކަންކަން ވިލަރެސްކުރުމާއި، މަޝްރޫޢު މެނޭޖުކުރުމުގެ އިތުރުން ލިޔެކިޔުންތައް ތައްޔާރުކޮށް މަސައްކަތް ހަވާލުކުރުމުގެ އެހީތެރިކަން ވެސް އެ ކުންފުނިން ފޯރުކޮށްދޭނެއެވެ. ވުޒާރާއާއެކު ވެވޭ އެއްބަސްވުމާ އެއްގޮތަށް ވޮރަންޓީއާއި އާފްޓަރ-ސޭލްސް ޚިދުމަތްތައް ވިލަރެސްކުރާނީ ވެސް އެ ކުންފުންޏެވެ.
ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުންތަކުގެ ތެރެއިން އެއް ކަމަކީ ހެޔޮ އަގުގައި ފަސޭހައިން އައިސް ނުލިބުން ކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. މި މަޝްރޫޢު ނިމުމުން، އެކި ސަރަޙައްދުތަކުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް އައިސް ފަސޭހަކަމާއެކު ލިބި، އައިސް ހޯދުމަށް މަސްވެރިން ކުރަންޖެހޭ ދަތުރުތަކާއި ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ވުޒާރާއިން ބުނީއެވެ.
މަސްވެރިންގެ މި ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދުމަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓާއި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.






