ހައުސިން މިނިސްޓްރީގެ ދަށުން ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ނިންމުމަށް 58 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ ކަމަށް ލަފާކުރެވޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، އެ މިނިސްޓްރީގެ ދަށުން ފަށާފައިވާ މަޝްރޫޢުތައް ނިންމުމަށް ލަފާކުރެވޭ ޖުމްލަ ބަޖެޓާއި، އެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާގެ މިންވަރު ސާފުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.
ޖަވާބުގައިވާ ގޮތުން، ފަށާފައިވާ މަޝްރޫޢުތައް އެއްކޮށް ނިންމުމަށް ޖުމްލަ 58،831،473،267 ރުފިޔާ (58.8 ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، 2026 ވަނަ އަހަރުގެ މަޝްރޫޢުތައް ހިންގުމަށް ހަމަޖައްސާފައިވަނީ ޕްރޮގްރާމް ބަޖެޓެކެވެ. މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްލޭނާ އެއްގޮތަށް މަޝްރޫޢުތަކަށް ބަޖެޓު ހަމަޖައްސަވަނީ ފިނޭންސް މިނިސްޓްރީން ކަމަށާއި، އެހެންކަމުން މި އަހަރުގެ ބަޖެޓުގައި ވަކިވަކި މަޝްރޫޢުތަކަށް ވަކި މިންވަރެއް ކަނޑައެޅިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާރު ކުރިއަށްދާ އެއާޕޯޓް އެޅުމުގެ މަޝްރޫޢުތަކާ ބެހޭގޮތުން ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކޮންޓްރެކްޓް ކުރެވިގެން މިހާރު ކުރިއަށްދަނީ ޖުމްލަ ފަސް އެއާޕޯޓެއްގެ މަސައްކަތް ކަމަށާއި، އެ މަޝްރޫޢުތައް ނިންމުމަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ އިތުރަށް ބޭނުންވާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ.
ނަމަވެސް ލ. އިސްދޫ ކަލައިދޫ އެއާޕޯޓްގެ މަސައްކަތް އަދި ކޮންޓްރެކްޓް ނުކުރެވޭތީ، އެއަށް ބޭނުންވާ 600 މިލިއަން ބަޖެޓުގައި ހިމަނާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިހާތަނަށް އެ ބަޖެޓުން 4.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ދައުލަތުން މި އަހަރަށް ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ރޭ ބޭއްވި "އަހާ" ފޯރަމްގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެފައިވަނީ، މިހާރުވެސް 1،273 މަޝްރޫޢެއްގެ މަސައްކަތް ހިނގަމުންދާ ކަމަށާއި، އެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ދެއްކޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ.






